ބްރިޓިޝް އެއަރވޭސް(ބީއޭ) ގެ ފްލައިޓް ދަތުރުތައް އިސްރާއީލަށް މެދުކަނޑާލާފައިވާ މުއްދަތު އިތުރުކޮށްފިއެވެ.
ބީއޭ އިން ވަނީ އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް ދަތުރުތައް ކެންސަލް ކުރުމުގެ މުއްދަތު ޖުލައި މަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.
މި މަހުގެ ކުރީކޮޅު ބެން ގުރިއަން އިންޓަނޭޝަނަލް އެއާޕޯޓަށް ޔަމަނުން ދިން މިސައިލް ހަމަލާއާ ގުޅިގެން މިގޮތަށް ނިންމާފައި ވަނީ ސަލާމަތީ ކަންބޮޑުވުންތަކާ ގުޅިގެންނެވެ.
ޕްރެސްޓީވީން ބުނީ ބީއޭ އިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި އޮގަސްޓް މަހުގެ ނިޔަލަށް އިނގިރޭސިވިލާތުން އިސްރާއީލަށް އެއްވެސް ފްލައިޓެއް ދަތުރުނުކުރާނެކަން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.
ބްރިޓިޝް އެއަރވޭސްގެ ބަޔާނުގައި ބުނީ މެދުނުކެނޑި އެ އެއާވޭސް އިން ޓެލްއަވީވްއަށް ދިއުމާއި އައުމަށް ކުރާ ދަތުރުތައް މި ވަގުތަށް ވަނީ ހުއްޓާލާފައި ކަމަށެވެ.
"ކަސްޓަމަރުންގެ ކިބައިން މާފަށް އެދެން، ދެން ޝެޑިއުލް ފްލައިޓެއް ލަންޑަނުން ޓެލް އަވީވަށް ދަތުރު ކުރާނީ އޮގަސްޓް މަހުގެ އެއްވަނަ ދުވަހު" ބްރިޓިޝް އެއާވޭސް އިން ބުނެފައި ވެއެވެ.
ބްރިޓިޝް އެއަރވޭސް އިން މީގެ ކުރިން ވަނީ ޓެލް އަވީވްގެ ބެން ގުރިއަން އެއާޕޯޓަށް އަމާޒުކޮށް ޔަމަނުން ދާދިފަހުން ދިން ހަމަލާތަކާއި ގުޅިގެން މި އަންނަ ޖޫން މަހުގެ މެދުތެރެއާ ހަމައަށް ހުރިހާ ފްލައިޓެއް އިސްރާއީލަށް ހުއްޓާލާފަ އެވެ. އަދި އޭގެ ފަހުން އެ އެއާލައިނުން ވަނީ އެ ސިޓީގައި ތިބި މުވައްޒަފުން އޮސްޓްރިއާގެ ވެރިރަށް ވިއެނާއަށް ބަދަލުކޮށްފައެވެ.




