މަސްވެރިންގެ ދަފްތަރުގައި ޖެހުނު މަސްވެރިންގެ ތެރެއިން 14 މަސްވެރިއަކަށް ލޯނުދޫކޮށްފި

މަސްވެރިކަމުގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިހާތަނަށް 14 މަސްވެރިއަކަށް ލޯނު ދޫކޮށްފިއެވެ.

މި ލޯނު ސްކީމްގެ ދަށުން ލޯނު ދޫކުރަން ފަށާފައިވަނީ މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

މަސްވެރިންނަށް ފަސޭހަކަމާއެކު ފައިނޭންސް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށްޓަކައި ބީއެމްއެލް އާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވިފައިވަނީ މިދިޔަ އެޕްރީލް މަހުގެ 28 ވަނަ ދުވަހުއެވެ. މި ސްކީމްގެ ދަށުން މިހާތަނަށް 38 މަސްވެރިއަކު ލޯނަށް އެދި ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން 8 އެޕްލިކޭޝަނެއް މިހާރު ވަނީ ޕްރޮސެސިންގ މަރުހަލާގައެވެ.

މި އިންތިޒާމުގެ ދަށުން، ޝަރުތު ހަމަވާ މަސްވެރިންނަށް ރަހުނަކާ ނުލައި އަދި އިކުއިޓީއެއް ނުލައި 300,000 ރުފިޔާއާ ހަމައަށް ޕަރސަނަލް ފައިނޭންސިންގ ނެގޭނެއެވެ. އަދި މަސްވެރިކަމުގެ މޫސުމަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް، އާމްދަނީއާ އެއްގޮތަށް އަނބުރާ ފައިސާ ދެއްކުމަށް ލުއިފަސޭހަ ގޮތްތަކެއްވެސް ބޭންކުން ވަނީ ހަމަޖައްސާދީފައެވެ.

ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގ ނުވަތަ މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ކޮންމެ ތަނަކުން ވެސް މި ލޯނަށް އެދި ހުށަހެޅޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން ރާއްޖޭގެ ކޮންމެ ހިސާބެއްގައި ތިބި މަސްވެރިންނަށްވެސް މި ޚިދުމަތަށް ވާސިލުވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ސަރުކާރުން ދަނީ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާއަތަކަށް މަސްވެރިކަން ހެދުމަށް މަސައްކަތްކުރަމުންނެވެ. މިގޮތުން މަސްވެރިންނަށް މިހާރު ދަނީ 48 ގަޑިއިރުގެ ތެރޭގައި މަހަށް ފައިސާ ދޫކުރަމުންނެވެ. މިކަމުގެ ސަބަބުން މަސްވެރިންނަށް ވަނީ މަސްވެރިކަމަށް ނިކުތުމަށް އިތުރު ހިތްވަރެއް ލިބިގެން ގޮސްފައެވެ.

 

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ