ތިމާވެށި ޙިމާޔަތްކުރުމަށް ހޭދަކުރާ ޚާއްސަ ޕްރޮގްރާމެއް ބީއެމްއެލްއިން ތަޢާރަފްކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ ތިމާވެށި ޙިމާޔަތްކުރުމަށް މަސައްކަތްކުރުމަށް އެހީވުމުގެ ގޮތުން "އީއެންވީ ޕޮސް" ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް މިއަދު ތަޢާރަފްކޮށްފިއެވެ. މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމެވެ.

މި އައު ޕްރޮގްރާމްގެ ދަށުން، ބީއެމްއެލްގެ ކާޑު މެޝިން ބޭނުންކޮށްގެން ކުރާ ކޮންމެ މުޢާމަލާތަކުން ވަކި ޢަދަދެއް ކަނޑައަޅައި، އެ ފައިސާ ރާއްޖޭގެ ތިމާވެށި ޙިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކަށް ހޭދަކުރެވޭނެއެވެ. ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވިގޮތުގައި، މި ޕްރޮގްރާމްގެ ދަށުން ފައިސާ ކެނޑޭނީ އާންމުންގެ އަތުން ނުވަތަ ވިޔަފާރިތަކުން ނޫނެވެ.

"މިހާރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އީއެންވީ ޕީއޯއެސް މެދުވެރިކޮށް ކުރާ މުއާމަލާތްތަކުން ބޭންކުން ކަނޑައަޅާ އަދަދު ކޮންމެ އަހަރަކު 5.5 މިލިއަން ރުފިޔާ ވަރުވާނެ" ކަމަށް ސީއީއޯ ޝަރީފް ވިދާޅުވިއެވެ. އަދި މުޢާމަލާތްތަކުގެ އަދަދު އިތުރުވަމުންދާ ވަރަކަށް، ކަސްޓަމަރުންނަށާއި ވިޔަފާރިތަކަށް އެއްވެސް އިތުރު ޚަރަދަކާ ނުލައި، މި ޕްރޮގްރާމަށް ހިއްސާވެވޭ އަދަދުވެސް އިތުރުވެގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ޕްރޮގްރާމްގެ ދަށުން ޖަމާވާ ފައިސާ ހޭދަކުރެވޭނީ އިތުބާރުހުރި، ކަމުގެ ތަޖުރިބާ ލިބިފައިވާ ޖަމުޢިއްޔާތަކާއި ބައިވެރިންނާ ގުޅިގެން ތިމާވެށި ރައްކާތެރިކުރުމަށް ހިންގޭ މަޝްރޫޢުތަކަށެވެ. މީގެ ތެރޭގައި ރީސައިކަލްކުރުމާއި، ފެހިކަން ގެނުވައިދޭ ޕްރޮޖެކްޓްތަކާއި ކުނި މެނޭޖްކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.

ޖުލައި 1، 2023 އިން ފެށިގެން ޢަމަލީ ސިފަ އަންނަ މި ޕްރޮގްރާމްގެ ސަބަބުން، އީއެންވީ ޕޮސް މެޝިންތަކުގައި ކާޑުން ކުރާ ކޮންމެ މުޢާމަލާތަކުން ކަސްޓަމަރުންނަށް ސީދާގޮތުން ރާއްޖޭގެ ނާޒުކު ތިމާވެށްޓާއި ކަނޑުފަރުގެ ދިރުންތައް އަންނައޮތް ޖީލުތަކާ ހަމައަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވެ އެހީތެރިވެދެވޭނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ