ހއ. ހޯރަފުށީ އެތެރޭ މަގުތައް ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން ވަނީ ފަށައިފައެވެ. މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރޭގައި ސަބްބޭސް ހެދުމާއި، އޭބީސީ ފަށަލަ އެޅުމާއި، ތާރުއެޅުން ހިމެނެއެވެ.
މި މަޝްރޫޢުގެ ދަށުން މަގުތައް ފެހިކުރުމަށް ގްރީން އޭރިއާގެ މަސައްކަތްތަކާއި، ކޭބަލް ޖަންކްޝަން އަދި ސަރވިސް ލައިން ވަޅުލުމާއި، މަގުބައްތި ޖެހުމާއި މަގުމަތީ ނިޝާންތައް ކުރެހުމާއި ހަރުކުރުމުގެ މަސައްކަތްތައް ހިމެނެއެވެ. މި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތަކަށް ޖުމްލަ 30.46 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް އެމް.ޓީ.ސީ.ސީން ވަނީ ހާމަކޮށްފައެވެ.
ހޯރަފުށީ މަގުތައް ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްވެސް ކުރިއަށް ގެންގޮސްފައިވަނީ އެމް.ޓީ.ސީ.ސީންނެވެ. ފުރަތަމަ ފިޔަވަހީގައި ރަށުގެ 11 މަގެއްގައި، ޖުމްލަ 5.3 ކިލޯމީޓަރުގައި ތާރު އަޅާފައިވާއިރު، އެ މަސައްކަތަށް 71 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
ހޯރަފުއްޓަކީ އިޤްތިޞާދީ، އިޖްތިމާޢީ އަދި ޢުމްރާނީ ތަރައްޤީގެ އެކި މަސައްކަތްތަކުގައި ގިނަ އަދަދެއްގެ ބަރު އުޅަނދުފަހަރު ހަރަކާތްތެރިވާ ރަށަކަށްވުމާއެކު، ރަނގަޅު ފެންވަރުގެ މަގުތަކެއް ހެދިފައި ހުރުމަކީ މުހިންމުކަމެއްކަމަށް ސަރުކާރުން ދެކެއެވެ. "ފުރަތަމަ ފިޔަވަހީގެ މަސައްކަތުން ގިނަ މަގުތަކެއް ފެންބޮޑުވުމާއި، ޗަކުވުމާއި، އަޑިގުޑަންވުމާއި، ހިރަފުސްވުމުގެ މައްސަލަތަކަށް ބޮޑު ހައްލެއް ލިބިފައިވާ" ކަމަށް އެމް.ޓީ.ސީ.ސީން ވަނީ ފާހަގަކޮށްފައެވެ.
އެމް.ޓީ.ސީ.ސީން މީގެކުރިންވެސް ވަނީ ހޯރަފުށީގައި ހޯރަފުށީ އެއަރޕޯޓު މަޝްރޫޢާއި، ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ފަދަ މުހިންމު މަޝްރޫޢުތަކެއް ހިންގާފައެވެ. ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމުމުން ހޯރަފުށީގެ މަގުތަކުގެ މައްސަލަތަކަށް ފުރިހަމަ ހައްލެއް ލިބިގެންދާނެކަމަށް އެމް.ޓީ.ސީ.ސީން އުންމީދުކުރެއެވެ.