ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ބީއެމްއެލްއިން އިތުރު ލުޔެއް

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ފޮރިން ލިމިޓް ޕޯޓަލްގައި ރަޖިސްޓަރީ ކުރުމަށްފަހު މަހަކު 750 ޑޮލަރާ ހަމައަށް ބޭނުންކުރެވޭނެ ގޮތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ ހަމަޖައްސައިދީފައެވެ.

މި މަހުގެ އެކެއްގައި ތަންފީޒުކުރަން ފެށި އައު އުސޫލުގެ ދަށުން، ރާއްޖެއިން ބޭރުގައި ދިވެހި ރުފިޔާ ކާޑުތަކުން އޭޓީއެމް މެދުވެރިކޮށް ނެގޭނެ އެންމެ މަތީ އަދަދު ވަނީ 125 ޑޮލަރަށް ކުޑަކޮށްފައެވެ. އަދި މި މުއާމަލާތްތަކަށް 10 ޑޮލަރުގެ ފީއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ޚާއްސަ އިސްތިސްނާއެއް ދީ، އެ ފަރާތްތަކަށް 750 ޑޮލަރުގެ ލިމިޓް ދެމެހެއްޓުމަށް ވަނީ ނިންމާފައެވެ.

ކިޔަވާ ދަރިވަރުންނަށް ކުރިން ދެމުން އައި 1,200 ޑޮލަރުގެ ލިމިޓަށް އެއްވެސް ބަދަލެއް ނާންނާނެކަން ބީއެމްއެލްއިން ވަނީ ކަށަވަރުކޮށްދީފައެވެ. "ކިޔަވާ ދަރިވަރުންނަށް އަދި އިންޓަރންޝިޕް ހަދާ ފަރާތްތަކަށް ސްޓޫޑެންޓް ޕޯޓަލް މެދުވެރިކޮށް މި ލިމިޓަށް އެދެވޭނެ، އަދި އެ ފަރާތްތަކުން އިތުރު ފީއެއް ނުނަގާނެ،" ބޭންކުން މައުލޫމާތު ދެއެވެ.

އައު އުސޫލުގެ ދަށުން ދިވެހި ރުފިޔާ ޑެބިޓް ކާޑުގެ ލިމިޓް 500 ޑޮލަރަށް އިތުރުކޮށްދީފައިވާއިރު، ވަކި ވެބްސައިޓްތަކުން ކުރެވޭ މުއާމަލާތްތަކަށް 30 ޕަސެންޓާ ހަމައަށް ފީ ނެގުމަށް ވަނީ ނިންމާފައެވެ. މި ފީ ނެގޭނީ ހަމައެކަނި ދިވެހި ރުފިޔާ ޑެބިޓް ކާޑުންނެވެ.

ބީއެމްއެލްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މަހެއްގެ މައްޗަށް 45 މިލިއަން ޑޮލަރު ވިޔަފާރީގެ މުއާމަލާތްތަކަށް ރާއްޖެއިން ބޭރަށް ދެއެވެ. މީގެ 75 ޕަސެންޓަކީ އޮންލައިން ޝޮޕިންގ މެދުވެރިކޮށް ކުރެވޭ މުއާމަލާތްތަކެވެ. ޓެމޫ ފަދަ އެއް ޕްލެޓްފޯމަށް އެކަނި މަހެއްގެ މައްޗަށް 7 މިލިއަން ޑޮލަރު ޚަރަދުކުރެވޭކަން ފާހަގަކުރެވެއެވެ.

ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މި ބަދަލުތައް ގެނެސްފައިވާއިރު، އަސާސީ ބޭނުންތަކަށް ބޭރު ފައިސާ ރިޒަރވްކުރުމަކީ މުހިންމު ކަމެއްކަމަށް ބޭންކުން ވަނީ ފާހަގަކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ