ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ބޭރުގެ ބަޔަކަށް ވިއްކާކަށް ނޫޅޭ: ވަޒީރު ސަޢީދު

ހަނިމާދޫ އެއަރޕޯޓް ބޭރުގެ ފަރާތަކަށް ވިއްކާލަން ނުވަތަ ކުއްޔަށްދޭން އުޅޭކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ ޙަގީގަތާއި ޚިލާފު ވާހަކަތަކެއްކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ސަޢީދު ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި ހަނިމާދޫ އެއަރޕޯޓު ވިއްކާލުމާއި ނުވަތަ ކުއްޔަށް ދިނުމާ ގުޅޭ އެއްވެސް މަޝްވަރާއެއް ކުރިއަށް ގޮސްފައި ނުވެއެވެ. އަދި މިފަދަ ނިންމުމެއް ސަރުކާރުން ނިންމަވާފައިވެސް ނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ އުތުރުން ބައިނަލްއަޤުވާމީ ފެންވަރަށް ތަރައްޤީކުރަމުންދާ މި އެއަރޕޯޓުގެ މަސައްކަތް މިހާރު ވަނީ 88 އިންސައްތަ ނިމިފައެވެ. އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްދާ މި މަޝްރޫޢުގެ ދަށުން 2460 މީޓަރުގެ ރަންވޭގެ މަސައްކަތް މިހާރުވަނީ ފުރިހަމައަށް ނިމިފައެވެ.

މި އެއަރޕޯޓުގެ ތަރައްޤީގެ މަޝްރޫޢު ނިމުމުން، އޭ320 އާއި ބޮއިންގ 737 ފަދަ ބޮޑެތި މަތިންދާބޯޓުތައް ޖެއްސޭނެއެވެ. އަދި އަތޮޅުތަކުގެ އެއަރޕޯޓެއްގައި ބޭނުންކުރާ ފުރަތަމަ އެއިރޯ ބްރިޖް ޤާއިމުކުރެވިފައިވާ މި އެއަރޕޯޓުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދިނުމަށް ވަނީ އަމާޒުކުރެވިފައެވެ.

މި މަޝްރޫޢުގެ މަސައްކަތް މިއަހަރުގެ ސެޕްޓެންބަރު މަހަށް ނިންމުމަށް 800 އަށްވުރެ ގިނަ މުވައްޒަފުން 24 ގަޑިއިރު މަސައްކަތްކުރަމުން ގެންދެއެވެ. އެއަރޕޯޓުގެ މަސައްކަތް ނިމުމާއެކު، އުތުރުގެ ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި ހއ. އަތޮޅާއި ހދ. އަތޮޅުގައި ރިސޯޓު ތަރައްޤީކުރުމަށް އެދޭ އިންވެސްޓަރުންނަށް ޚާއްޞަ ލުއިތަކެއް ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ