އަލީބާބާއާއެކު ކުރަމުންދާ މަސައްކަތްތަކުން ދިވެހި ވިޔަފާރިތަކުގެ އުފެއްދުންތަކަށް އާމްދަނީ ލިބޭނެ މަގު ފަހިވެފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، "ފްރޮމް މޯލްޑިވްސް ޓު ގްލޯބަލް މާކެޓް" ގެ ނަމުގައި އަލީބާބާއާއެކު ކުރިއަށްގެންދިޔަ ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައެވެ.
ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، މިއީ ރާއްޖެއަށް ތާރީޚީ ދުވަހެއް ކަމަށާއި، މި ފެށިގެންދަނީ ދިވެހިންގެ އުފެއްދުންތައް މުޅި ދުނިޔެއަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކަމަށެވެ. އަދި މި މަސައްކަތް ފެށިގެން މިދަނީ ރާއްޖެއިން ޗައިނާއާއެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މި ވޯކްޝޮޕްގައި 600 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ. އޭގެ ތެރޭގައި މިހާރުވެސް ވިޔަފާރީގައި މަސައްކަތްކުރާ 250 ފަރާތެއް ހިމެނޭއިރު، އޮންލައިންކޮށް ބައިވެރިވާ ފަރާތްތަކާއެކު މި އަދަދު އިތުރަށް މަތިވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"އަލީބާބާގެ ފްލެޓްފޯމްތަކުން ދިވެހި ވިޔަފާރިތަކަށް 40 މިލިޔަން ބަޔާއި ކަނެކްޓްކޮށްދޭނެ. އެއީ 200 އެއްހައި ގައުމު. މިއީ ދުވާލަކަށް 400،000 ޑެއިލީ އިންކުއަރީސް. ވިޔަފާރިތަކުން ހަމައެކަނި އެމީހުންގެ އުފެއްދުންތަކެއް ނޫން ވިއްކަނީ. މުޅި ދުނިޔެއަށް އެ ވިއްކަނީ ދިވެހިންގެ ސަޤާފަތާއި ދިވެހިވަންތަކަން،" ވަޒީރު ވިދާޅުވިއެވެ.
މި ވޯކްޝޮޕްގެ ތެރެއިން ދިވެހި ވިޔަފާރިތަކަށް މުހިންމު ގިނަ މަޢުލޫމާތުތަކެއް ލިބިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ބައިނަލްއަޤްވާމީ ބާޒާރަށް ބޭނުންވާ ފެންވަރަށް އުފެއްދުންތައް ތައްޔާރުކުރުމާއި، ލޮޖިސްޓިކްސްގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތްތަކާއި އަދި މި ނޫންވެސް ވިޔަފާރިތަކަށް ބޭނުންވާ ގިނަ މަޢުލޫމާތުތަކެއް ހިމެނޭ ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.
 
								
 
											
 
								 
								 
								

 
														 
														 
														 
														 
														 
														