ޣައްޒާގައި 50،000 މާބަނޑު އަދި ގާތުންދޭ މައިން ބަނޑަށްޖެހިފައި

ޣައްޒާގައި ތިބި 50،000 އަށްވުރެ ގިނަ މާބަނޑު އަދި ގާތުންދޭ މައިން ވަނީ ގިނަ ދުވަސްތަކެއް ވަންދެން ކާއެއްޗެހި ނުލިބި ބަނޑަށްޖެހިފައި ތިބި ކަމަށް ދުނިޔޭގެ އާބާދީއާ ބެހޭ އދ. ގެ ފަންޑު (ޔޫއެންއެފްޕީއޭ) އިން މަޢުލޫމާތު ދީފިއެވެ.

މިކަމުގެ ސަބަބުން އެ މައިންނާއި ކުދިންނަށް ނުރައްކާތެރި ސިއްހީ މައްސަލަތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށްވެސް އެފަންޑުން ބުނެއެެވެ.

ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) ގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރެއިސަސް ވިދާޅުވި ގޮތުގައި ކާބޯތަކެއްޗާއި، ތެލާއި، ބޭހުގެ ހާދަ ބޮޑު ދަތިކަމެއް ދިމާވެފައިވާ ކަމަށާއި، މީގެ ސަބަބުން އާންމު ރައްޔިތުން، ޚާއްސަކޮށް ކުޑަކުދިން މަރުވަމުންދާ ކަމަށް ފާހަގަކުރެއްވިއެވެ.

އެމެރިކާ އާއި އިސްރާއީލުން އުފައްދާފައިވާ ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) ގެ އެހީ ފޯރުކޮށްދިނުމުގެ ނިޒާމަކީ "މުޅިން ބަލައިނުގަނެވޭނެ" ނިޒާމެއް ކަމަށް ބްރިޓިޝް ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީ ވަނީ ފާޅުގައި ފާޑުކިޔާފައެވެ.

އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރްސީ) އިން ހާމަކުރި ގޮތުގައި މޭ މަހުގެ ފަހުން ޖީއެޗްއެފް އިން އެހީ ބެހުމުގެ މަސައްކަތް ފެށި ފަހުން، ދެކުނު ޣައްޒާގައި ހުރި އައިސީއާރްސީގެ ފީލްޑް ހޮސްޕިޓަލުގައި އެކަނި 200 އަށް ވުރެ ގިނަ މީހުން މަރުވެ، 2،200 އަށް ވުރެ ގިނަ މީހުންނަށް ވަޒަން ލިބުނު އަނިޔާތަކަށް ފަރުވާ ދޭންޖެހުނެވެ.

އިސްރާއީލުން މާރޗް 2 އިން ފެށިގެން ޣައްޒާގެ ކްރޮސިންގތައް ގިނަ އިންސާނީ އެހީގެ ޓްރަކުތަކަށް ބަންދުކޮށްފައިވާއިރު، ދުވާލަކު މަދު އަދަދެއްގެ ޓްރަކުތަކަށް އެކަނި ވަދެވެއެވެ. އެހެންނަމަވެސް އެންމެ ދަށް މިންވަރަށް ވެސް އެހީ ފޯރުކޮށްދިނުމަށް ދުވާލަކު 500 ޓްރަކު ބޭނުންވާ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

އޮކްޓޯބަރ 7، 2023 އިން ފެށިގެން އެމެރިކާގެ އެހީތެރިކަމާއެކު އިސްރާއީލުން ހިންގަމުންދާ ޖެނޮސައިޑްގެ ސަބަބުން 194،000 އަށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ މަރުވެ ނުވަތަ ޒަޚަމްވެފައެވެ. އޭގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި 11،000 އަށް ވުރެ ގިނަ މީހުން ވަނީ ތަނބުތަކުގެ ދަށުގައި ގެއްލިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ