މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި 10.6 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 145 އިންސައްތައިގެ އިތުރުވުމެކެވެ.
މީރާގެ މާލީ ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރުގެ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 4.3 މިލިޔަން ރުފިޔާއެވެ. އަދި މިއަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 61.5 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 50.8 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 21 އިންސައްތައިގެ އިތުރުވުމެކެވެ.
މުދަލު ޒަކާތަކީ އިސްލާމްދީނުގައި ކަނޑައެޅިފައިވާ ފަރުޟު އަޅުކަމެކެވެ. އެމީހެއްގެ މުދަލުގައި ނިޞާބު ހަމަވާތާ ހިޖުރީގޮތުން އަހަރެއް ފުރުމުން، އެމުދަލުގެ 2.5 އިންސައްތަ ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވެގެންވެއެވެ.
އިސްލާމިކް މިނިސްޓްރީން މިއަހަރުގެ އޭޕްރީލް މަހު ގެނައި އެންމެ ފަހުގެ ބަދަލާއެކު، މިވަގުތު މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ އަދަދަކީ 9,264.15 ރުފިޔާއެވެ. މި ނިޞާބު ކަނޑައެޅުމުގައި ބަލަނީ ރަނާއި ރިހީގެ އަގަށް ކަމުން، ދުނިޔޭގެ ބާޒާރުގައި މި މައުދަނުތަކުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން ނިޞާބުގެ އަދަދަށްވެސް ބަދަލު އަންނަމުންދެއެވެ.
މުދަލު ޒަކާތަކީ އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް ދެއްކޭނެ އެއްޗެއް ކަމަށްވެފައި، އަތުގައި ނުވަތަ ބޭންކުގައި ނިޞާބު ހަމަވާވަރަށް ފައިސާ ހުރި ކޮންމެ މުސްލިމެއްގެ މައްޗަށް މިއީ ވާޖިބު ކަމެކެވެ.




