ފަތުރުވެރިންނަށް ދަތުރު ރާވައި ހިންގުމުގެ ޚިދުމަތްދޭ ތަންތަނުގެ ރިޕޯޓް ހުށައެޅުމަށް އިތުރު މުއްދަތެއްދީފި

ފަތުރުވެރިންނަށް ދަތުރު ރާވައި ހިންގުމުގެ ޚިދުމަތް ދޭ ކުންފުނިތަކުން އަހަރީ ރިޕޯޓް ހުށައެޅުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އިތުރު މުއްދަތެއް ދީފިއެވެ.

"ދިވެހިރާއްޖޭގައި ޓޫރިޒަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ޚިދުމަތް ދިނުމާބެހޭ ގަވާއިދު" ގެ ދަށުން ކޮންމެ އަހަރެއްގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ކުރިން، ދަތުރު ރާވައި ހިންގުމުގެ ޚިދުމަތް ދޭ ތަންތަނުން ނިމިދިޔަ އަހަރުގެ ރިޕޯޓެއް ފަތުރުވެރިކަމާ ބެހޭ ވުޒާރާއަށް ހުށައަޅަންޖެހެއެވެ. މި މުއްދަތުގައި ރިޕޯޓް ހުށަނާޅާ ފަރާތްތަކުގެ ހުއްދަ ބާތިލުކުރުމުގެ އިޚްތިޔާރު ވުޒާރާއަށް ލިބިގެންވެއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވަނީ، ޖޫން 30 ގެ ސުންގަޑިއަށް ރިޕޯޓް ހުށަނާޅާ ފަރާތްތަކަށް އިތުރު ފުރުސަތެއްގެ ގޮތުން މި މަހުގެ 31 ވަނަ ދުވަހުގެ 14:00 އަށް މުއްދަތު އިތުރުކޮށްދީފައިވާ ކަމަށެވެ.

މި މުއްދަތުގެ ތެރޭގައިވެސް ރިޕޯޓް ހުށަނާޅާ ފަރާތްތަކުގެ ހުއްދަ ވަގުތުން ބާތިލުވާނެކަން ވުޒާރާއިން ވަނީ އަންގަވާފައެވެ. އަދި އެފަދަ ފަރާތްތަކަށް ދެން ޚިދުމަތް ދެވޭނީ އަލުން އެޕްލިކޭޝަން ހުށަހަޅައި އައު ލައިސަންސެއް ހޯދުމަށްފަހުގައި ކަމަށްވެސް ވުޒާރާއިން ވަނީ ބަޔާންކޮށްފައެވެ.

ފަތުރުވެރިކަމާ ގުޅުންހުރި ދަތުރު ރާވައި ހިންގުމުގެ ޚިދުމަތްދޭ ފަރާތްތަކުން އަހަރީ ރިޕޯޓް ހުށަހެޅުމަކީ ޤާނޫނީ ޒިންމާއެއްކަމާއި، މިކަމަށް ފަރުވާކުޑަކުރާ ފަރާތްތަކާމެދު ޤަވާއިދުން ފިޔަވަޅު އެޅޭނެކަން ވުޒާރާއިން ވަނީ ހަނދާންކޮށްދީފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ