ރާއްޖެއާ 6000 ކިލޯމީޓަރު ދުރުން، އިންޑޮނޭޝިއާގެ ބަންޑަ ސީއަށް 7.2 މެގްނެޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. ބިންހެލުމުގެ ބާރުމިން ފަހުން ވަނީ 7.5 އަށް މައްޗަށް ޖައްސާފައެވެ.
ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ އިންޑޮނޭޝިއާ އަށް ބިންހެލުން އައިސްފައި ވަނީ ރާއްޖޭގެ ގަޑިން މިއަދު ހެނދުނު 07:53 ގައި ކަމަށެވެ.
ބިންހެލުން އައިސްފައި ވަނީ އައްޑޫ ސިޓީ އާއި 6269 ކިލޯމީޓަރު ދުރަށް ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ.
— Maldives Meteorology (@MetMaldives) June 24, 2019
އިންޑޮނޭޝިއާ އަށް އައި ބިންހެލުމުގެ ސަބަބުން ސުނާމީއެއް އުފެދިދާނެ ކަމުގެ ނުރައްކަލެއް ނެތް ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނެފައިވާއިރު، ސުނާމީއެއް އުފެދުމުގެ ފުރުސަތެއް ނެތް ކަމަށް އިންޑޮނޭޝިއާ އިން ވެސް ބުނެފައެވެ.
ބިމުގެ 136 މޭލުގެ އަޑިއަށް އައި މި ބިންހެލުމުގެ ސަބަބުން އެއްވެސް ތަނަކަށް، އަދި މީހަކަށްވެސް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.




