ޕާލިމަންޓް ސްޕީކަރުންގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް މަޖިލިސް ރައީސް ސްވިޒަރލޭންޑަށް

ޕާލިމަންޓް ސްޕީކަރުންގެ ވޯލްޑް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ މިއަދު ސްވިޒަރލޭންޑަށް ފުރާވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުން މަޢުލޫމާތު ދެއްވިގޮތުގައި، 6 ވަނަ މަޖިލިސް ސްޕީކަރުންގެ ކޮންފަރެންސް އޮންނާނީ މި މަހުގެ 29 ވަނަ ދުވަހުން 31 ވަނަ ދުވަހާ ހަމައަށް ސްވިޒަރލޭންޑްގެ ޖެނީވާގައެވެ. މި ކޮންފަރެންސްގެ ޝިޢާރަކީ "ހަމަޖެހުމެއްނެތް ދުނިޔެއެއް: އެންމެންނަށް ސުލްޙައާއި، އިންސާފާއި އަދި ފާގަތިކަން ހޯދައިދިނުމަށް ޕާލިމެންޓްތަކުގެ އެއްބާރުލުމާއި ބައިނަލްއަޤްވާމީ އެއްބައިވަންތަކަން" މިއެވެ.

އިންޓަރ ޕާލިމެންޓްރީ ޔޫނިއަން (އައިޕީޔޫ) އިން އިންތިޒާމްކުރާ މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ބައިނަލްއަޤްވާމީ ކަންކަމުގައި ދުނިޔޭގެ ވެރިކަން ހަރުދަނާކޮށް، ޑިމޮކްރަސީގެ ގޮތުން ހުރި ގެއްލުންތައް ފޫބެއްދުމަށް މަގުފަހިކޮށްދިނުމެވެ. މި ކޮންފަރެންސް ބާއްވަނީ ކޮންމެ ފަސް އަހަރަކުން އެއް ފަހަރުއެވެ.

މި އަހަރުގެ ކޮންފަރެންސްގައި މުހިންމު މައުޟޫޢުތަކެއް މަޝްވަރާކުރެވޭނެއެވެ. އޭގެ ތެރޭގައި ޕާލިމެންޓްގައި އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމާއި، ސުލްޙައަށް އީޖާދީ ގޮތްތައް ހޯދުމާއި، 2030 ވަނަ އަހަރާ ހަމައަށް ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމާއި، ޑިޖިޓަލް މުސްތަޤްބަލެއް އެކުލަވާލުމާއި، އަދި ނާޒުކު ޙާލަތުގައިވާ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުން ހިމެނެއެވެ.

މިއީ މިހާތަނަށް ބޭއްވޭ މިފަދަ އެންމެ ބޮޑު ކޮންފަރެންސް ކަމަށްވާއިރު، މި ކޮންފަރެންސްގެ ތައްޔާރީތައް ކުރިއަށް ގެންގޮސްފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 20 ސްޕީކަރުން ހިމެނޭ ކޮމިޓީއަކުން 2 އަހަރު ދުވަހުގެ މުއްދަތެއްގައެވެ. މީގެ އިތުރުން ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި، އެކަޑަމީ އަދި މަދަނީ ޖަމްޢިއްޔާތަކުގެ އިތުރުން މީޑިއާގެ ފާހަގަކޮށްލެވޭ ލީޑަރުންވެސް މި ކޮންފަރެންސްގައި ބައިވެރިވާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ