އެންސްޕާ މެދުވެރިކޮށް ބޭސްފަރުވާއަށްދާ މީހުންނަށް މިއަދުން ފެށިގެން 2000 ޑޮލަރު ލިބޭނެ

ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް، އެންސްޕާ މެދުވެރިކޮށް ދާ ބަލި މީހުންނަށް ބޭންކުތަކުން 2000 ޑޮލަރާ ހަމައަށް ޑޮލަރު ލިބޭނެ ގޮތް ސަރުކާރުން ހަމަޖައްސައިފިއެވެ. މި ނިންމުމަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށް ވެއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިދިޔަ މަހުގެ 21 ވަނަ ދުވަހު އިއުލާން ކުރެއްވި ނިންމުމެކެވެ. މި ނިންމުން ނިންމެވީ ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށްދާ ފަރާތްތަކަށް ޑޮލަރު ހޯދުމުގައި ލުއިފަސޭހަކޮށް ދިނުމުގެ ގޮތުންނެވެ.

މީގެއިތުރުން، އަމިއްލަ ޚަރަދުގައި ރާއްޖޭން ބޭރަށް ބޭސް ފަރުވާއަށް ދާ ފަރާތްތަކަށްވެސް މިއަދުން ފެށިގެން 1000 ޑޮލަރު ބޭންކުތައް މެދުވެރިކޮށް ލިބޭނެ ގޮތް ހަމަޖެހިގެންދާނެއެވެ. މިހާތަނަށް އަމިއްލަ ޚަރަދުގައި ފަރުވާއަށް ދާ މީހުންނަށް ބީއެމްއެލް މެދުވެރިކޮށް ލިބެމުން އައީ ހަމައެކަނި ޓިކެޓަށް ލިބޭ 500 ޑޮލަރެވެ.

ސަރުކާރުން ވަނީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށާއި ބޭރުގައި ކިޔަވާ ދަރިވަރުންނަށްވެސް ފަސޭހައިން ޑޮލަރު ލިބޭނެ އިންތިޒާމްތައް ހަމަޖައްސަވައިދެއްވާފައެވެ. އެގޮތުން ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް މަހަކު 1200 ޑޮލަރު އަދި މިއަހަރުގެ ޙައްޖުވެރިންނަށް 1750 ޔޫއެސް ޑޮލަރުގެ ލިމިޓް ދެއްވާފައިވެއެވެ.

އެންސްޕާގެ އެންމެފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ ޖޫންމަހު ބޭސްފަރުވާގެ ޚަރަދުތަކަށް އެހީގެގޮތުގައި 25.8 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މީގެ ތެރޭގައި ރާއްޖޭން ބޭރުން ފަރުވާކުރުމަށް 8.1 މިލިޔަން ރުފިޔާ އަދި ރާއްޖޭން ފަރުވާކުރުމަށް 17.7 މިލިޔަން ރުފިޔާ ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ