ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް 6015 ފަތުރުވެރިން ޒިޔާރަތްކުރަމުންދެއެވެ. މިއީ މެއި އަދި ޖޫން މަހު އެވްރެޖްކޮށް ދުވާލަކު އައި 4000 ފަތުރުވެރިންނާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.
ޖުލައި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މިއަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ޖުމްލަ 1.2 މިލިއަން ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.5 އިންސައްތައިގެ ކުރިއެރުމެކެވެ. ޖުލައި މަހު އެކަނި 180،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަން ފާހަގަކުރެވެއެވެ.
ވަކިވަކި ޤައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދަށް ބަލާއިރު، 188،317 ފަތުރުވެރިންނާއެކު އެންމެ ކުރީގައިވަނީ ޗައިނާއެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމަކީ 152،385 ފަތުރުވެރިންނާއެކު ރަޝިއާއެވެ. އަދި 120،937 ފަތުރުވެރިންނާއެކު ތިންވަނައިގައި އިނގިރޭސިވިލާތް ހިމެނެއެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 73.1 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. 22.0 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ. އަދި 2.7 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ހޮޓާތަކުގައެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މިއަހަރަށް އަމާޒުހިފާފައިވަނީ ރާއްޖެއަށް 2.3 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. މިހާތަނަށް ފެންނަމުންދާ ކުރިއެރުންތަކަށް ބަލާއިރު، މި އަމާޒަށް ވާސިލުވުމަށް އެކަށީގެންވާ ކުރިއެރުންތަކެއް ލިބެމުންދާކަން ފާހަގަކުރެވެއެވެ.




