ކައުންސިލްތަކުގެ މާލީ ޚަރަދުތައް ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުމުގެ މަޤްޞަދުގައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް މުހިންމު އިސްލާޙުތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މި އިސްލާޙުތައް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ޙުސައިނެވެ.
މި އިސްލާޙުތަކުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ހިންގާ ވިޔަފާރީގެ ހަރަކާތްތަކާ ގުޅޭ އުޞޫލުތައް ކަނޑައެޅުމާއި، ދައުލަތުން ކައުންސިލްތަކަށް ދޭ ހިލޭ އެހީއާ ގުޅޭ އުޞޫލުތައް މުރާޖަޢާކުރުން ހިމެނެއެވެ. މީގެއިތުރުން، ކައުންސިލްތަކުގެ ޢުމުރުގެ ފަހު އަހަރުގައި މުހިންމު މާލީ ނިންމުންތައް ނިންމުމުގައި ޢަމަލުކުރާނެ ގޮތްތައްވެސް މި އިސްލާޙުތަކުގައި ހިމަނާފައިވެއެވެ.
އިސްލާޙުތަކުގައި ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރިތަކަށް އައު ޝަރުތުތަކެއް ކަނޑައަޅާފައިވެއެވެ. މީގެ ތެރޭގައި، އެ ކުންފުނިތަކުން ކުރާ މަސައްކަތަކީ އެ ރަށެއްގައި އަމިއްލަ ފަރާތްތަކުން ކުރަމުންދާ އިޤްތިޞާދީ މަސައްކަތަކަށް ނުވުމާއި، ރަށުގެ ޢުމްރާނީ ތަރައްޤީއަށް ކޮންމެހެން ބޭނުންވާ މަސައްކަތަކަށްވުން ހިމެނެއެވެ. އަދި މިފަދަ މަޝްރޫޢުތަކުގެ އިންވެސްޓްމަންޓް 10 މިލިއަން ރުފިޔާއަށްވުރެ ބޮޑުވާންޖެހޭނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
އިސްލާޙުތަކުގައި ކައުންސިލްތަކުގެ ބޭންކް އެކައުންޓްތައް ބެލެހެއްޓުމާ ގުޅޭ އައު އުޞޫލުތަކެއްވެސް ހިމަނާފައިވެއެވެ. މީގެ ދަށުން، ކައުންސިލްތަކުގެ ބޭންކް އެކައުންޓްތައް ބަލަހައްޓަންވާނީ މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާއިން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތަށެވެ. އަދި އެ ވުޒާރާއިން އެދިއްޖެނަމަ، އެކައުންޓްތަކުގެ ސްޓޭޓްމަންޓްތައް ފޯރުކޮށްދިނުމަކީ ކައުންސިލްތަކުގެ ޒިންމާއެކެވެ.
މި އިސްލާޙުތަކަށް ޢަމަލުކުރަން ފެށުމުން، މިހާރު ހިނގަމުންދާ އަދި މި އިސްލާޙުތަކާ ޚިލާފު ވިޔަފާރީގެ ހަރަކާތްތައް 90 ދުވަހުގެ ތެރޭގައި ހުއްޓާލަންޖެހޭނެއެވެ. އަދި ސަރުކާރުން ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރާ ތަންތަނުން ކުލި ނެގުން މަނާކުރެވިފައިވެއެވެ.



