މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ބޯޑަށް 4 މެންބަރުން އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް 14 ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް ހުށަހަޅުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ސިޓީގައިވާ ގޮތުން، މީރާގެ ބޯޑުގައި މިހާރު ތިއްބެވި 4 މެންބަރުންގެ މަޤާމުގެ މުއްދަތު މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާތީ، އެ މަޤާމުތަކަށް އައު މެންބަރުން އައްޔަންކުރަން ޖެހިފައިވެއެވެ. މި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލުމުން 14 ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ.
މީރާގެ ބޯޑަށް މެންބަރުން އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާ ތަރުތީބުން އެންމެ އިސްކޮށް ހިމެނިވަޑައިގަންނަވަނީ މުޙައްމަދު އިމްތިނާން ސަޢުދުﷲ (ފަތިސް، ގދ. ތިނަދޫ)، އިސްމާޢިލް ހަމްދޫން (ހ. ސިތާރާވާދީ)، ޢާއިޝަތު ޝަޒްރާ (ނިވައިދޮށުގެ، ގދ. ގައްދޫ) އަދި އިދުހާމް ޙުސައިން (މ. ޖަވާހިރުވާދީ) އެވެ.
މަޖިލީހުގެ ތަޅުމުގައި މި ނަންތައް އިއްވުމަށްފަހު، އިތުރަށް ދިރާސާކުރުމަށްޓަކައި ވަނީ އިޤްތިޞާދީ ކޮމިޓީއަށް ފޮނުވާފައެވެ. މީރާގެ ބޯޑަށް މެންބަރުން އައްޔަންކުރެވޭނީ ރައްޔިތުންގެ މަޖިލީހުން އެ ނަންތައް ފާސްކުރެއްވުމުންނެވެ.
މީރާގެ ބޯޑަކީ 7 މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. އަދި މިހާރު ހުސްވާން އޮތް 4 މަޤާމަށް އައު މެންބަރުން އައްޔަންކުރުމުގެ މަސައްކަތް ކުރިއަށްދަނީ މި މަހުގެ ނިޔަލަށް މިހާރު ތިބި މެންބަރުންގެ މުއްދަތު ހަމަވާތީއެވެ.



