އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. މި މަޤާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އިސްކަންދެއްވާފައިވަނީ ޢަބްދުލްޣަނީ މުޙައްމަދަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި ކުރިމަތިލެއްވި އެހެން ދެ ބޭފުޅުންނަކީ ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާޢު އުޘްމާނާއި ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ ޢަބްދުﷲ މުހައްމަދެވެ. ޖޭއެސްސީން މި ތިން ބޭފުޅުންނާ އިންޓަވިއު ކުރެއްވުމަށްފަހު، އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް ޢަބްދުލްޣަނީ މުޙައްމަދު ޢައްޔަންކުރެއްވުމަށް ވަނީ ނިންމަވާފައެވެ.
އުއްތަމަ ފަނޑިޔާރުގެ މަޤާމު ހުސްވެފައިވަނީ އެ މަޤާމުގައި ހުންނެވި އަލްއުސްތާޛު އަޙްމަދު މުޢުތަސިމް އަދުނާން މިދިޔަ މަހު ރިޓަޔަރ ކުރެއްވުމާ ގުޅިގެންނެވެ. ޤާނޫނީ ގޮތުން މި މަޤާމަށް ބޭފުޅަކު އައްޔަންކުރެވޭނީ ޖޭއެސްސީގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާ ނަންފުޅެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމުންނެވެ.
ޢަބްދުލްޣަނީ މުޙައްމަދަކީ ދިގު މުއްދަތެއްގައި ޝަރުޢީ ދާއިރާގައި ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން 2000 އިން 2004 އަށް މަދަނީ ކޯޓުގެ ގާޒީކަމާއި، 2004 އިން 2018 އަށް ހައިކޯޓުގެ ފަނޑިޔާރުކަމާއި އިސް ފަނޑިޔާރުކަން ކުރައްވާފައިވެއެވެ. އަދި 2018 ގެ ޖޫން މަހުން 2019 ގެ ޑިސެމްބަރު މަހާ ހަމައަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަންވެސް ކުރައްވާފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުން މިހާރު ވަނީ އުއްތަމަ ފަނޑިޔާރުކަމަށް ޢަބްދުލްޣަނީ މުޙައްމަދު އައްޔަންކުރެއްވުމުގެ މައްސަލަ ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުއްވާފައެވެ. އެ ކޮމިޓީން މި މައްސަލަ ދިރާސާކުރެއްވުމަށްފަހު ރިޕޯޓެއް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާނެއެވެ.




