އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް ޢަބްދުލްޣަނީ މުޙައްމަދު އައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ހެނދުނު ބޭއްވުނު ރަސްމިއްޔާތެއްގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް ހެންވޭރު ހޯސްޓްސައިޑް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު އައްޔަންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު މި ރަސްމިއްޔާތުގައި، ޤާނޫނުއަސާސީގެ 147 ވަނަ މާއްދާގެ ދަށުން އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް އައްޔަންކުރެވުނު ޢަބްދުލްޣަނީ މުޙައްމަދަށް މަޤާމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދުއެވެ.

އައު އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދަކީ ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން 2000 ވަނަ އަހަރު އަލް-އަޒްހަރު ޔުނިވަރސިޓީން އެލް.އެލް.ބީ (އޮނަރސް) ޑިގްރީ އިން ލޯ އެންޑް އިސްލާމިކް ޖުރިސްޕްރުޑެންސް ފުރިހަމަކުރައްވާފައިވެއެވެ. އަދި 2022 ވަނަ އަހަރު އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއިން މާސްޓަރސް އޮފް އިސްލާމިކް ޖުޑިޝިއަލް ސައިންސަސް އެންޑް ޝަރީއާ ޕޮލިސީ ހާސިލުކުރައްވާފައިވެއެވެ.

އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދުގެ މަސައްކަތުގެ ތަޖުރިބާއަށް ބަލާއިރު، އެންމެ ފަހުން ހުންނެވީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްގެ މަގާމުގައެވެ. މީގެ އިތުރުން އެ މަނިކުފާނަކީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ސީނިއަރ ލެކްޗަރަރއެއްގެ ގޮތުގައާއި، ވިލާ ކޮލެޖް އަދި ޒިކުރާ ކޮލެޖުގައި ކިޔަވައިދެއްވި ބޭފުޅެކެވެ.

ޢަބްދުލްޣަނީ މުޙައްމަދުގެ ޚިދުމަތުގެ ދިގު ތާރީޚުގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމާއި، ހައިކޯޓުގެ އިސް ފަނޑިޔާރުކަމާއި، ސިވިލް ކޯޓުގެ ފަނޑިޔާރުކަމާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަން ފަދަ މުހިންމު މަޤާމުތައް ފުރުއްވާފައިވެއެވެ. އަދި މިހާރުވެސް އެ މަނިކުފާނު ވަނީ ޑޮކްޓަރ އޮފް ފިލޯސޮފީ އިން އިސްލާމިކް ޖުޑީޝިއަލް ސައިންސަސް އެންޑް ލެޖިސްލޭޓިވް ޕޮލިސީ ދަށުން ދިރާސާ މަސައްކަތް ކުރައްވަމުން ގެންދަވައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ