ކައުންސިލްތަކުގެ މާލީ ޚަރަދުތައް ބެލެހެއްޓުން ހަރުދަނާކުރުމަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެންނަ އިސްލާހުތަކުގެ ބިލު މިއަދު ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. މި ބިލު ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި 51 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.
ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ޙުސައިން ހުށަހެޅުއްވި މި ބިލުގައި، ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި، ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން ދޭ ގްރާންޓް ދިނުމުގެ އުސޫލު މުރާޖަޢާކުރުން ހިމެނެއެވެ. އަދި ކައުންސިލުގެ އުމުރުގެ ފަހު އަހަރު މާލީ ކަންކަން ނިންމުމުގެ އުސޫލުތައްވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.
ބިލުގެ މުހިންމު ބައެއްގެ ގޮތުގައި، ކައުންސިލްތަކުގެ ދަށުން އުފައްދާފައިވާ ލޯކަލް އޮތޯރިޓީ ކުންފުނިތަކަށް ކުރެވޭނެ ވިޔަފާރިތައް ވަކި މިންގަނޑުތަކަކާއެކު ކަނޑައަޅާފައިވެއެވެ. މީގެ ތެރޭގައި، އަމިއްލަ ފަރާތްތަކުން އެރަށެއްގައި ކުރަމުންދާ އިޤްތިޞާދީ މަސައްކަތެއް އެ ކުންފުނިތަކުން ނުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މި ކުންފުނިތަކުން ކުރާ މަސައްކަތަކީ ރަށުގެ ތަރައްޤީއަށް ކޮންމެހެން ކުރަންޖެހޭ ކަމަކަށްވުމާއެކު، އިންވެސްޓްމަންޓްގެ އަގު 10 މިލިއަން ރުފިޔާއަށްވުރެ ބޮޑުވާންޖެހޭނެއެވެ.
އިސްލާހުތަކުގެ ތެރޭގައި، އަސާސީ ޚިދުމަތް ދިނުމަށް ދޫކޮށްފައިވާ ބިންތަކުން ކުލި ނުނެގޭނެ ކަމަށް ކަނޑައަޅާފައިވާއިރު، ކައުންސިލްތަކުގެ މާލީ ކަންކަން ހަރުދަނާކުރުމަށް އިތުރު ފިޔަވަޅުތަކެއްވެސް ހިމަނާފައިވެއެވެ. މީގެ ތެރޭގައި ބޭންކް އެކައުންޓް ހުޅުވުމުގެ ތަފްސީލް މާލީ ވުޒާރާއާ ހިއްސާކުރުމާއި، ދައުލަތުގެ އިދާރާތަކަށް ދައްކަންޖެހޭ ފައިސާ 6 މަސްދުވަހަށްވުރެ ގިނަދުވަސްވެފައިވާނަމަ، ގްރާންޓުން އެ ފައިސާ އުނިކުރުން ހިމެނެއެވެ.
ކައުންސިލުގެ ދައުރުގެ ފަހު އަހަރާ ގުޅޭގޮތުން ޚާއްޞަ މާއްދާތަކެއް ބިލުގައި ހިމަނާފައިވެއެވެ. މީގެ ތެރޭގައި ތަރައްޤީގެ ޕްލޭންގައި ނުހިމެނޭ ކަންކަން ނުފެށުމާއި، މުވައްޒަފުން ނެގުމާއި، ބިމާއި ފަޅު އަދި ފަރު ސަރަހައްދު ކުއްޔަށް ދިނުމުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.



