ޕޭމަންޓް ސިސްޓަމްގެ ޤާނޫނަށް މުހިންމު އިސްލާހުތަކެއް ހުށަހަޅައިފި

ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަށް މުހިންމު އިސްލާހުތަކެއް މިދިޔަ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހަޅައިފިއެވެ. މި އިސްލާހުތަކުގެ ދަށުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އަށް ފަވަރަ ޕޭމަންޓް ނިޒާމު ހަރުދަނާކުރުމަށް އިތުރު ބާރުތަކެއް ލިބިގެންދާނެއެވެ.

މި އިސްލާހުތަކުގެ އެންމެ މުހިންމު އެއް ބަދަލަކީ އެމްއެމްއޭއަށް ޕޭމަންޓް ސިސްޓަމެއް ހިންގުމަށް ނުވަތަ ޕޭމަންޓް ޚިދުމަތެއް ދިނުމަށް ކުންފުންޏެއް ނުވަތަ ޕާޓްނަރޝިޕެއް ނުވަތަ ޖޮއިންޓްވެންޗަރއެއް އުފެއްދުމުގެ ބާރު ލިބިދިނުމެވެ. މިހާރު ޢަމަލުކުރަމުންދާ ޤާނޫނުގައި މި ބާރު އެމްއެމްއޭއަށް ލިބިދީފައި ނުވެއެވެ.

ދިއްގަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވި ގޮތުގައި، ޕޭމަންޓް ނިޒާމެއްގެ ތެރެއިން ތަރައްޤީކުރެވިއްޖެއްޔާ އެޕާޓްމެންޓް ކުލިވެސް ބޭންކު އެކައުންޓުން ކެނޑޭގޮތަށް ހެދިދާނެއެވެ. އަދި މުސާރަލިބި އެ މީހަކު ބުނާ ދުވަހަކަށް ކެނޑޭގޮތަށް ހަމަޖެއްސިއްޖެއްޔާ ވަރަށް ބޮޑަށް އިދާރީ ޚަރަދުތައްވެސް ސަލާމަތްވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. 

ނަމަވެސް އިދިކޮޅު އެމްޑީޕީގެ މެންބަރުން މި އިސްލާހުތަކާމެދު ކަންބޮޑުވުން ފާޅުކޮށް، އެމްއެމްއޭއަށް ކުންފުނި އުފެއްދުމުގެ ބާރު ދިނުމަކީ އެހެން ވިޔަފާރިތަކަށް ނޭދެވޭ އަސަރުކުރާނެ ކަމެއްކަމަށް ފާހަގަކޮށްފައިވެއެވެ. މިކަމަށް ރައްދު ދެއްވަމުން ނާޒިމް ވިދާޅުވެފައިވަނީ މިއީ ހަމައެކަނި ޕޭމަންޓް ނިޒާމު ތަރައްޤީކުރުމަށް ދެވޭ ބާރެއްކަމަށާއި، ފަހުން އެހެން ހިއްސާދާރުންނަށް ވިއްކާލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މީގެއިތުރުން، މި އިސްލާހުތަކުގައި ގަވާއިދާ ޚިލާފަށް ޕޭމަންޓް ސިސްޓަމްތައް ސޮލިސިޓްކުރުމާއި މާލީ މުޢާމަލާތްތައް ހިންގުން ކުށްވެރިކޮށް، އެފަދަ ޢަމަލުތަކަށް އަދަބު ކަނޑައެޅުމުގެ މާއްދާތައްވެސް ހިމަނާފައިވެއެވެ. މި އިސްލާހުތަކުގެ ސަބަބުން ރާއްޖޭގެ މާލީ ނިޒާމު އިތުރަށް ހަރުދަނާވެ، ރައްކާތެރިކަން އިތުރުވެގެންދާނެކަމަށް ބެލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ