މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ޖުލައި މަހު އިންކަމް ޓެކްސްގެ ގޮތުގައި 1.6 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިއަހަރުގެ ޖުލައި މަހު ދައުލަތަށް ލިބުނު ޖުމްލަ 3.39 ބިލިޔަން ރުފިޔާގެ 49 އިންސައްތައެވެ.
މީރާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ޖުލައި މަހު ލިބުނު އާމްދަނީއަކީ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 15.4 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ދައުލަތަށް ލިބިފައިވަނީ 2.93 ބިލިޔަން ރުފިޔާއެވެ.
ޖުލައި މަހު ލިބުނު އިންކަމް ޓެކްސްގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ކުންފުނިތަކާއި އާންމު ފަރުދުން ނޫން ފަރާތްތަކުން ދައްކާފައިވާ ޓެކުހެވެ. އެގޮތުން މިބައިން 1.04 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، ބޭންކުތަކުގެ ވިޔަފާރި ފައިދާއިން ޓެކުހުގެ ގޮތުގައި 440.7 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.
މީރާއިން ފާހަގަކުރާ ގޮތުގައި މިއަހަރުގެ ޖުލައި މަހު އާމްދަނީ އިތުރުވެފައިވަނީ މައިގަނޑު ގޮތެއްގައި ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު ކުރިއެރުންތަކާއި، ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބުންނެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެއަރޕޯޓު ފީގެ ރޭޓުތަކަށް ގެނެވުނު ބަދަލާ ގުޅިގެން އެއަރޕޯޓު ފީތަކުންވެސް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ.
މީރާއިން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި މިދިޔަ މަހުގެ އާމްދަނީގެ ތެރެއިން 7.4 އިންސައްތައަކީ މީގެ ކުރިން ނުލިބިވާ އާމްދަނީން އެ އިދާރާއަށް ހޯދުނު ބައެކެވެ. އަދި މިއަހަރުގެ ޖުލައި މަހަށް އަންދާޒާކުރި މިންވަރަށްވުރެ 12.8 އިންސައްތަ އިތުރަށް އާމްދަނީ ލިބިފައިވާކަންވެސް ވަނީ ފާހަގަކޮށްފައެވެ.




