ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް އޭދަފުށީގައި ތަރައްޤީކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އޭދަފުށީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިންނެވެ.
80.79 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދީ އެވެ. އަދި ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމްއެވެ. މި މަޝްރޫޢު ނިންމުމަށް ދެވިފައިވަނީ 720 ދުވަހުގެ މުއްދަތެކެވެ.
މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ ކެމްޕަހުގައި ދަރިވަރުންނާއި މުވައްޒަފުންގެ އެކަމަޑޭޝަން ބްލޮކްތަކާއި، އެޑްމިނިސްޓްރޭޓިވް ބްލޮކެއް އަދި ކްލާސްރޫމް ބްލޮކެއް ހިމެނެއެވެ. މީގެ ތެރޭގައި 6000 އަކަފޫޓުގެ ދެ ފަންގިފިލާގެ ދަރިވަރުންގެ އެކަމަޑޭޝަން ބްލޮކަކާއި، 3200 އަކަފޫޓުގެ ދެ ފަންގިފިލާގެ މުވައްޒަފުންގެ އެކަމަޑޭޝަން ބްލޮކެއް ހިމެނެއެވެ.
މީގެއިތުރުން 3000 އަކަފޫޓުގެ ދެ ފަންގިފިލާގެ އެޑްމިނިސްޓްރޭޓިވް ބްލޮކަކާއި، 4000 އަކަފޫޓުގެ ދެ ފަންގިފިލާގެ ކްލާސްރޫމް ބްލޮކެއް އަދި 4000 އަކަފޫޓުގެ ދެ ފަންގިފިލާގެ އެކަޑަމިކް ފެސިލިޓީޒް ބްލޮކެއް ހެދުމުގެ މަސައްކަތްވެސް ހިމެނެއެވެ.
ބ. އަތޮޅުގެ ވެރިކަން ކުރާ ރަށް ކަމަށްވާ އޭދަފުށީގެ އާބާދީއަކީ 3500 މީހުންނެވެ. ތަޢުލީމީ ޒުވާނުން ގިނަ މި ރަށުގެ ގިނަ ޒުވާނުން ވަޒީފާ އަދާކުރަނީ ސަރުކާރުގެ އެކި މުއައްސަސާތަކުގައާއި ކައިރި ރިސޯޓްތަކުގައެވެ. ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް މި ރަށުގައި ޤާއިމުކުރެވިގެން ދިއުމުން ތަޢުލީމީ ދާއިރާއިން މި ރަށަށާއި މުޅި ބ. އަތޮޅަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ބެލެވެއެވެ.



