ބ. އޭދަފުށީގައި އައު އިމިގްރޭޝަން އޮފީހެއް މިއަދު ހުޅުވައިދެއްވައިފިއެވެ. މި އޮފީސް ހުޅުވައިދެއްވީ ބ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ރައީސް މުޢިއްޒުގެ ސަރުކާރުގެ މުހިންމު އެއް ސިޔާސަތަކީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. މި ސިޔާސަތުގެ ދަށުން މި އަހަރު ނިމުމުގެ ކުރިން މުޅި ރާއްޖޭގެ ހުރިހާ ހިސާބެއްގައި މި ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.
އޭދަފުށީގައި އައު އިމިގްރޭޝަން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި، އެރަށުގައި ފުރަތަމަ ޕާސްޕޯޓު ހެއްދި ފަރާތަށް ޕާސްޕޯޓު ޙަވާލުކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ.
މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 11 އަތޮޅެއްގައި ޚިދުމަތް ފަށައިފިއެވެ. އަދި ރާއްޖެއިން ބޭރުގައި މި ޚިދުމަތް ފެށި ފުރަތަމަ ޤައުމުގެ ގޮތުގައި މެލޭޝިއާގައިވެސް ދިވެހި ޕާސްޕޯޓާއި އައިޑީކާޑު ހެދުމުގެ ޚިދުމަތް ވަނީ ފަށާފައެވެ.