ގަވާއިދާ ޚިލާފަށް އުޅެމުންދާ 132 ބިދޭސީއަކު ފުރުވާލުމުގެ މަސައްކަތް އަންނަނީ ކުރަމުން

ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް 132 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް، އެމީހުން އަނބުރާ އެމީހުންގެ ޤައުމަށް ފުރުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިމިގްރޭޝަނުން މަޢުލޫމާތު ދީފިއެވެ.

މިއީ މިދިޔަ ސެޕްޓެމްބަރު މަހު މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން ފެށި ޤައުމީ މަޝްރޫޢުގެ ދަށުން ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެކެވެ. ރާއްޖެއަށް ކުރިމަތިވެފައިވާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަންނަނީ ތިން މަރުހަލާއަކަށް ބަހާލައިގެން މަސައްކަތްތަކެއް ކުރަމުންނެވެ.

އިމިގްރޭޝަނުން ހާމަކުރި ގޮތުގައި އެންމެ ފަހުން ހުޅުމާލޭ ފޭސް 1 ގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 12 ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭ 5 މީހަކާއި، ބިދޭސީން ރެކްރޫޓްކޮށް އޭޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވި 3 މީހަކާއި، ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތްކުރަމުންދިޔަ 4 މީހެކެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މިހާތަނަށް 178,000 އަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު ވަނީ އާންމުކޮށްފައެވެ. އަދި ބަޔޯމެޓްރިކްސް އަދާހަމަނުކުރާ 27,000 ބިދޭސީން އެކްސްޕެޓް ސިސްޓަމުން ދައްކާކަން ފާހަގަކުރެވިފައިވެއެވެ.

މީގެއިތުރުން، ބިދޭސީންނާ ގުޅުންހުރި ފީތައް ނުދައްކާތީ 8,000 އަށްވުރެ ގިނަ ވަޒީފާދޭ ފަރާތްތައް ވަނީ އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑް ކުރެވިފައެވެ. ސަރުކާރުން މިހާރު އަންނަނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާމެދު ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ