ޒުވާން ޚަޠީބުން ޕްރޮގްރާމަކީ އިސްލާމީ ޝަޚުސިއްޔަތު ދެމެހެއްޓުމަށް ފަރުމާކުރެވިފައިވާ ޕްރޮގުރާމެއް: ވަޒީރު ޝަޙީމް

ޒުވާން ޚަޠީބުން ޕްރޮގްރާމަކީ މިޤައުމުގެ މުސްތަޤުބަލުގެ އިސްލާމީ ޝަޚުސިއްޔަތު ދެމެހެއްޓުމަށް ފަރުމާކުރެވިފައިވާ ޕްރޮގުރާމެއްކަމަށް އިސްލާމީކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޒުވާން ޚަޠީބުން ތަމްރީން ޕްރޮގްރާމުގެ ތިން ވަނަ ބުރު ނިންމާ ސަނަދު ޙާސިލްކުރި ދަރިވަރުންނަށް ސަނަދު އެރުވުމުގެ ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މި ޕްރޮގްރާމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރެއްކަމަށެވެ. އަދި މިއީ ރައީސްގެ އެންމެ ފުރަތަމަ ތަޤުރީރުގައި ފާހަގަކުރެއްވި މީހުން ބިނާ ކުރުމާއި ފިކުރީ ގޮތުން ކުރިއެރުވުމުގެ ތަސައްވުރުގެ ދަށުން ކުރިއަށް ގެންދެވޭ ޕްރޮގުރާމެއްކަމަށް ވެސް ވިދާޅުވިއެވެ.

ވަޒީރު ޝަހީމް ވިދާޅުވި ގޮތުގައި، މި ޕްރޮގުރާމުގައި ބައިވެރިވި ޒުވާން ކުދިން އިޚްތިޔާރުކޮށްފައިވަނީ ވަރަށް މާތް މަގެއް ކަމަށާއި ޚަޠީބުކަމުގެ މަޤާމަކީ ވަރަށް މަތީ އަދި ޝަރަފްވެރި މަޤާމެކެވެ. އަދި ޒުވާން ޚަޠީބުން މުޖުތަމަޢުއަށް ދައްކައިދެމުން ދަނީ ވަރަށް ރިވެތި ނަމޫނާއެއްކަމަށް ފާހަގަކުރެއްވިއެވެ.

ރަސްމިއްޔާތުގައި ވަޒީރު ދެއްވި ނަސޭހަތުގައި، މި ދާއިރާއިން އިތުރަށް ހުނަރު ތަރައްޤީ ކުރުމަށް މަސައްކަތް ކުރެއްވުމަށާއި، އިތުރު ޒުވާނުންނަށް މި ދާއިރާއިން ކުރިއަށް ދިއުމަށް ފުރުސަތު ހޯދައިދިނުމަށް މަސައްކަތްކުރެއްވުމަށް އިލްތިމާސްކުރެއްވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމު ނިންމާ ޒުވާނުންނަށް ރަށްރަށުން ލިބެމުންދާ ހޫނު މަރުޙަބާއާއި، ޢީދު ނަމާދު ފަދަ ބޮޑެތި ޖަމާޢަތްތަކުގައި އިމާމުވެ ނަމާދުކުރުމުގެ ފުރުސަތު ދިނުމަކީ މި ޕްރޮގުރާމު މުޖުތަމަޢުން ބަލައިގެންފައިވާ މިންވަރު ދައްކުވައިދޭ ކަމެކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމުގެ ތިން ވަނަ ބުރު ފުރިހަމަކޮށް 269 ޒުވާން ޚަޠީބުން ވަނީ ސަނަދު ހާސިލްކޮށްފައެވެ. މިއާއެކު މިހާތަނަށް މި ސަނަދު ޙާސިލްކުރި ޚަޠީބުންގެ އަދަދު ވަނީ 503 އަށް އަރާފައެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އަމާޒު ހިފާފައިވަނީ ފަސް އަހަރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން ތަމްރީންކުރުމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ