މިއަހަރު ރާއްޖެއިން ޙައްޖަށްދާ މީހުންގެ 50 އިންސައްތަ ދަތުރުކުރާނީ ޤައުމީ އެއަރލައިނުން: ވަޒީރު ޑރ.ޝަހީމް

ރާއްޖެއިން މިއަހަރު ޙައްޖަށްދާ މީހުންގެ 50 އިންސައްތަ ދަތުރުކުރާނީ ޤައުމީ އެއަރލައިނުންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ފަހުގެ ތާރީޚެއްގައި ދިވެހި ޙައްޖުވެރިން ޤައުމީ އެއަރލައިނުގައި ފޮނުވޭ މިއީ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ޙައްޖުވެރިން ދަތުރުކުރަމުން އައީ ސަޢުދީ އެއަރލައިންތަކާއި އެނޫންވެސް ބޭރުގެ ބައެއް އެއަރލައިންތަކުގެ ބޯޓުތަކުގައެވެ.

ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު އިއްޔެ ފުރާފައިވާއިރު، ދެވަނަ ގުރޫޕު މިއަދު ވަނީ ފުރާފައެވެ. އަދި ފަހު ގުރޫޕު ފުރުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުއެވެ. ޙައްޖުވެރިންނަށް ފަސޭހަކުރުމުގެ ގޮތުން، ސަރުކާރުން ވަނީ މާލެއާއި ހުޅުމާލެއިން އެއަރޕޯޓަށް ދަތުރުކުރެވޭނެ ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސާދީފައެވެ.

މި އިންތިޒާމުތަކުގެ ތެރޭގައި، ބަހުގެ ޚިދުމަތާއި ހުޅުލޭ ފެރީ ޓާމިނަލުން އެއަރޕޯޓަށް ދެވޭނެ މަގު ހިމެނެއެވެ. އަދި ބަސް ހުއްޓާ ތަންތަނުގައި ފުލުހުންނާއި ސްކައުޓުން ވަނީ ޙައްޖުވެރިންނަށް އެހީތެރިވުމަށް ހަރަކާތްތެރިވެފައެވެ.

ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، މިފަހަރު ދިވެހި ޙައްޖުވެރިން މައްކާއަށް ފުރަނީ، މައްކާ ރޫޓް އިނިޝިއޭޓިވްގެ ދަށުން ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ މަރުޙަލާއެއް ފުރިހަމަކުރުމަށްފަހުގައެވެ. މި ޚިދުމަތް ދިވެހިންނަށް ލިބިފައިވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްޞަ އިރުޝާދުގެ ދަށުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ