ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 14،566 މީހުން ވަނީ ރަޖިސްޓްރީވެފައެވެ. މިއީ ޖޫން މަހާ އަޅާބަލާއިރު 154 މީހުންގެ އިތުރުވުމެކެވެ.
މި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރޭގައި 6،095 އަންހެނުންނާއި 8،471 ފިރިހެނުން ހިމެނެއެވެ. އެންމެ ގިނައީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ކަމަށްވާއިރު، މި ގިންތީގައި 4،147 މީހުން ރަޖިސްޓްރީވެފައިވެއެވެ.
މަލްޓިޕަލް ޑިސްއެބިލިޓީ ހުރެގެން 3،273 މީހުން ރަޖިސްޓްރީކޮށްފައިވާއިރު، ސިކުނޑީގެ ނުކުޅެދުންތެރިކަން ހުރެގެން 1،889 މީހުންނާއި، ނަފްސާނީ ނުކުޅެދުންތެރިކަން ހުރެގެން 1،854 މީހުން ވަނީ ރަޖިސްޓްރީކޮށްފައެވެ. އަޑުއިވުމާއި ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަން ހުންނަ 1،756 ފަރާތަކާއި، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ 1،006 ފަރާތެއް މި ދަފްތަރުގައި ހިމެނެއެވެ.
އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ ހުރެގެން 585 ފަރާތެއް ރަޖިސްޓްރީވެފައިވާއިރު، އުނގެނުމުގެ ނުކުޅެދުންތެރިކަން ހުރެގެން 56 ފަރާތެއް ވަނީ ދަފްތަރުގައި ހިމަނާފައެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން 2011 ވަނަ އަހަރުން ފެށިގެން އެލަވަންސެއް ދެމުން އަންނަ ކަމަށާއި، 2023 ވަނަ އަހަރު މި އެލަވަންސް ވަނީ 3،000 ރުފިޔާއަށް އިތުރުކޮށްފައެވެ. އަދި ސަރުކާރުން މިހާރު ދަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް، އެ ފަރާތްތަކުގެ ދިރިއުޅުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ޚާއްޞަ ޑޭޓާބޭސްއެއް އެކުލަވާލަމުންނެވެ.