މާލޭގެ މަގުތަކުގައި ބޭނުން ނުކޮށް ދޫކޮށްލާފައިވާ އުޅަނދުތައް ނަގަން ފަށައިފި

މާލޭގެ މަގުތަކުގައި އާންމުންނަށް ދަތިވާގޮތަށް، ބޭނުން ނުކޮށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ. މި މަސައްކަތަކީ މާލެ ސިޓީ ކައުންސިލާއި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވުޒާރާއާ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

މާލޭގެ ކާރޫބާރޫ ބޮޑު މަގުތަކުގެ ދެ ފަރާތުގައި ޤަވާއިދާ ޚިލާފަށް ގިނަ އުޅަނދުތައް ޕާކުކޮށްފައި ހުރުމުގެ ސަބަބުން ހިނގާބިނގާވެ އުޅޭ މީހުންނާއި މަގު ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވެއެވެ. އަދި މާލޭގެ މަގުތަކުގައި ހުރި ގިނަ ދުވަސްވީ އުޅަނދުތަކުގެ ސަބަބުން އާންމުންނަށް އޭގެ ނޭދެވޭ އަސަރުތައް ކުރަމުންދާކަން ފާހަގަކުރެވެއެވެ.

ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވިގޮތުގައި، މިއީ މާލޭގެ މަގުތަކަކީ އެންމެންނަށް ރައްކާތެރި، ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރެވޭ މަސައްކަތެކެވެ. އިތުރުވަމުންދާ އުޅަނދުތަކާއެކު ކުރިމަތިވަމުންދާ ޕާކިން މައްސަލަ، މިފަދައިން ހުރި ދުވަސްވީ އުޅަނދުތަކާއެކު އިތުރަށް ބޮޑުވެފައިވާކަން ފާހަގަކުރެވެއެވެ.

މި މަސައްކަތުގެ ދަށުން މާލޭގެ އިތުރުން ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައިވެސް ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރިއަށްދާކަން ފުލުހުން ފާހަގަކުރައްވައެވެ. މި މަސައްކަތް ފަށާފައިވަނީ އާންމު ރައްޔިތުންނަށް ފަސޭހަކަމާއެކު އެއްގަމު ދަތުރުފަތުރު ކުރެވޭނެ އެކަށީގެންވާ މާހައުލެއް ގާއިމުކޮށް، ޕާކު ކުރާނެ ޖާގަ ތަނަވަސްކޮށްދިނުމުގެ މަޤްޞަދުގައެވެ.

ހަލާކުވެ ބޭނުން ނުކުރެވޭ ފެންވަރުގައި ހުރި މިފަދަ އުޅަނދުތަކުގެ ސަބަބުން މާލޭގެ މަގުތަކުގެ ހިތްގައިމުކަން ގެއްލި، ޢާންމު ދިރިއުޅުމަށް ހުރަސްތަކެއް ކުރިމަތިވަމުންދާކަން ކަމާބެހޭ ފަރާތްތަކުން ފާހަގަކުރައްވައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ