އާސަންދައާއި އެންސްޕާއިން ނުދައްކާ އޮތް 1.3 ބިލިޔަން ރުފިޔާ ދައްކައިފި

މާލިއްޔަތު ކޮމިޓީން އެކުލަވާލި ޞިއްހީ ވެލްފެއަރގެ ޚިދުމަތް ދިނުމުގެ ނިޒާމުގައި ހުރި މައްސަލަތައް ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުގައި ވާގޮތުން، ސަރުކާރުގެ ސިއްޙީ އިންޝުއަރެންސް ސްކީމް، އާސަންދައާއި ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާގެ ޚަރަދުތަކުގެ ތެރެއިން ނުދައްކާ އޮތް 1.3 ބިލިޔަން ރުފިޔާ މިހާރުގެ ސަރުކާރުން ވަނީ ދައްކާ ޚަލާސްކޮށްފައެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ސަރުކާރު ވެރިކަމާ ހަވާލުވުމާ ހަމައަށް އާސަންދައިން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފާމަސީތަކާއި ހޮސްޕިޓަލްތަކާއި ކްލިނިކްތަކަށް 1.1 ބިލިޔަން ރުފިޔާ ނުދައްކާ އޮތެވެ. މީގެ ތެރޭގައި އޭޑީކޭ ހޮސްޕިޓަލަށް އެކަނިވެސް ދައްކަންޖެހޭ 251 މިލިޔަން ރުފިޔާ ހިމެނެއެވެ.

އެންސްޕާއާ ގުޅޭގޮތުން ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ސަރުކާރު ބަދަލުވިއިރު އެ އިދާރާއިން 491 މިލިޔަން ރުފިޔާ ނުދައްކާ އޮތެވެ. އަދި ސަރުކާރު ވެރިކަމާ ހަވާލުވި ދުވަހުން ފެށިގެން 2023 ވަނަ އަހަރުގެ ޖުލައި 22 އާ ހަމައަށް، 1.5 ބިލިޔަން ރުފިޔާ އެންސްޕާއިން ދައްކަންޖެހޭކަމަށް ވެއެވެ.

ޞިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގެ ނިޒާމާ ގުޅޭގޮތުން ރިޕޯޓުގައި ފާހަގަކޮށްފައިވާ އެހެނިހެން ކަންކަމުގެ ތެރޭގައި، ވަށާޖެހޭ ޞިއްޙީ ނިޒާމެއް ޤާއިމުކުރުމަށް ބޭނުންވާ މުހިންމު ގިނަ ގަވާއިދުތަކެއް އަދިވެސް އެކުލަވާލާފައިނުވާކަން ހިމެނެއެވެ. އަދި ރާއްޖެއަށް އެތެރެކުރެވޭ ބޭހުގެ ސްޓޮކް، މަރުކަޒީ ނިޒާމެއްގެ ތެރެއިން ބަލަހައްޓައި، ކޮންޓްރޯލްކުރެވޭނެ ގޮތް ލިޔުމުން އެކުލަވާލަން ޖެހޭކަންވެސް ފާހަގަކޮށްފައިވެއެވެ.

އާސަންދަ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ގެންނަމުންދާ ބަދަލުތަކުގެ ތެރޭގައި، ޑޮކްޓަރުން ލިޔެދޭ ބޭހަކީ އާސަންދައިގައި ރަޖިސްޓްރީކޮށްފައިވާ ބޭސްތަކެއްކަން ކަށަވަރުކުރެވޭނެ ނިޒާމެއް ގާއިމުކުރުމާއި، އެސްޓީއޯއިން ލިބެން ހުރި ބޭސް ފެންނާނެ ޑޭޝްބޯޑެއް ޑޮކްޓަރުންނަށް ފޯރުކޮށްދިނުން ހިމެނެއެވެ. މި ބަދަލުތައް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ މިއަހަރުގެ ފެބްރުއަރީ 18 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ