އަންނަ ޖެނުއަރީމަހުން ފެށިގެން ނަފުސާނީ ބަލިތަކަށް ހިނގާ ހުރިހާ ޚަރަދެއް އާސަންދައިން ހަމަޖެހޭނެ

 އަންނަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ނަފުސާނީ ބަލިތަކަށް ހިނގާ ހުރިހާ ޚަރަދެއް ދައުލަތުގެ ސިއްޙީ ސްކީމް ކަމަށްވާ އާސަންދައިން ކަވަރުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވައިފިއެވެ.

ރައީސް ވިދާޅުވީ ނަފްސާނީ ބަލި ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ ފަރުވާގައި އާސަންދައިން ވަކި އިންސައްތައެއް ކަވަރު ކުރުމަކީ ހަމަޖެހޭ ގޮތެއް ނޫންކަމަށާއި، މިކަން ބަދަލުކުރައްވާނެ ކަމަށެވެ.

ސަރުކާރުން ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ކުރައްވާފައިވާ މުހިއްމު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ފާހަގަކުރެއްވީ، ނަފްސާނީ ފަރުވާ އާސަންދައިގެ ތެރެއިން މިއަދާ ޖެހެންދެންވެސް އެއްކޮށް ކަވަރ ނުކުރާކަމީ ހައިރާންވުމަށް މަގުފަހިވާ ކަމެއްކަމަށެވެ. އެމަނިކުފާނު ވިދާޅުވިއެވެ: "ކުރިން އާސަންދައިން އެއްކޮށް ފަންސާނީ ބަލީގެ ފަރުވާ ކަވަރ ނުކުރޭ. މިއަދާ ހަމައަށްވެސް އެއްކޮށް ނުލިބޭ. އަޅުގަނޑުމެން އެކަމުގައި ހައިރާންވެފައި މިތިބީ އެކަމުގައި. އެކަން ނިމުމަކަށް ގެނެސް 1 ޖެނުއަރީން ފެށިގެން ނަފްސާނީ ބަލީގެ ފަރުވާގެ ހުރިހާ ޚަރަދެއް އާސަންދައިން ލިބޭނެ އިންތިޒާމު ހަމަޖައްސާނަން"

ރައީސް ވިދާޅުވީ ނަފްސާނީ ބަލީގެ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދެއްވާނެކަމަށެވެ. އެގޮތުން، ގުރައިދޫގައި ހުންނަ ނަފްސާނީ ފަރުވާގެ މަރުކަޒު އިތުރަށް ތަރައްޤީކުރުމަށް ފުރަތަމަ ފަހަރަށް 50 މިލިއަން ރުފިޔާގެ މަޝްރޫޢެއް ކުރިއަށްގެންދަވާކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ސަރުކާރުން ޤާއިމުކޮށްފައިވާ ނަފްސާނީ ބަލީގެ ޚާއްސަ ހޮޓްލައިނަށް ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި 10,000 އެއްހާ މީހުން ގުޅައިގެން ޚިދުމަތް ހޯދާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ނަފްސާނީ ފަރުވާއަކީ އަމިއްލަ ކްލިނިކްތަކުގައި އަގު ބޮޑު ޚިދުމަތަކަށްވާއިރު، އާސަންދައިގެ ތެރެއިން އެއްކޮށް ކަވަރު ނުކުރާތީ ގިނަ ފަރާތްތަކަކުން ފަރުވާ ހޯދުމަށް މާލީ ދަތިތަކާ ކުރިމަތިލާން ޖެހިފައިވެއެވެ. ފަރުވާގެ އަގު ބޮޑުވުމަކީ ގިނަ ބަޔަކު މިޚިދުމަތް ނުހޯދާ ނަފްސާނީ ދުޅަހެޔޮކަމަށް ފަރުވާކުޑަކުރާ ސަބަބެކެވެ. ނަފްސާނީ ބަލީގެ ފަރުވާ އާސަންދައިގެ ތެރެއިން ވަކި އިންސައްތައެއް ލިބޭނެ އިންތިޒާމު ފުރަތަމަ ފަހަރަށް ހަމަޖައްސާފައިވަނީ ކޯވިޑް-19 އާ ގުޅިގެން ކަންބޮޑުވުންތައް އިތުރުވުމާ ގުޅިގެން 2020 ވަނަ އަހަރުގައެވެ.

ރައީސް މުޢިއްޒުގެ މިނިންމެވުމާއެކު، ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމަށް ކުރިމަތިވާ މާލީ ހުރަސްތައް ނެތިގެންދާނެކަމަށް ބެލެވެއެވެ. އަދި މިއީ ދިވެހި ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ސަރުކާރުން ދެއްވާ ސަމާލުކަމުގެ ހެއްކެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ