ރަސްމާލޭގެ އިތުރު ސަރަޙައްދުތައް ހިއްކުމުގެ މަސައްކަތް މިހަފްތާތެރޭގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ އެންމެ ބިޔަ މަޝްރޫޢުކަމަށްވާ ރަސްމާލެ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 129.60 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިމިފައެވެ.
ފުށި ދިއްގަރު ފަޅުން ޖުމްލަ 1009 ހެކްޓަރުގެ ބިން ހިއްކުމަށް ރޭވިފައިވާ މި މަޝްރޫޢުގެ ދަށުން މިހާތަނަށް ހިއްކާފައިވާ ބިމަކީ މުޅި މަޝްރޫޢުގެ 12.84 އިންސައްތައެވެ. މިއީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބޮޑުމިނާ އެއްވަރުގެ ސަރަޙައްދެކެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން، މިހާރު މަސައްކަތްކުރަމުންދާ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީއާއި މޯހަން މުތާ އެކްސްޕޯޓްސްގެ އިތުރުން ޗައިނާގެ ހާބަރ އިންޖިނިއަރިން ކުންފުންޏާވެސް ވަނީ މަސައްކަތް ހަވާލުކޮށްފައެވެ. އެޗްޑީސީން މަޢުލޫމާތު ދެއްވާގޮތުގައި، އެ ކުންފުނިން ރަސްމާލެ ސައިޓް "ސ" އަދި "އީ" އިން 265 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ.
ރަސްމާލެ މަޝްރޫޢުގެ ދަށުން 65,000 ގެދޮރު ޔަގީންވާނެކަމަށް ސަރުކާރުން ވިދާޅުވެފައިވާއިރު، ފުރަތަމަ ފިޔަވަހީގެ ގޮތުގައި 15,000 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ވަނީ ހަވާލުކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން ހިއްކާ ބިން ހުންނާނީ ހުޅުމާލެއަށްވުރެ 2.5 މީޓަރު އުސްކޮށެވެ.
ތިމާވެއްޓާ ރައްޓެހި އިކޯ ސިޓީގެ މޮޑެލްއަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ރަސްމާލެ ވެގެންދާނީ އިންޑިޔާ ކަނޑުގައި ތަރައްޤީކުރާ ފުރަތަމަ ޒީރޯ ކާބަން ސިޓީކަމަށް ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ. އަދި މި މަޝްރޫޢުގެ ތެރެއިން ޓެކްނޮލޮޖީގެ އިތުރުން ތިމާވެއްޓާ ރައްޓެހި އީޖާދީ ބަދަލުތަކެއް ރާއްޖެއަށް ތަޢާރަފްވެގެންދާނެކަމަށްވެސް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.




