ހިޔުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރަކަށް މުޙައްމަދު ޝަފީގު މަޙުމޫދު އައްޔަން ކުރުމަށް މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.
އެޗްއާރުސީއެމްގެ ދެ މެންބަރެއްގެ މަގާމު އަންނަ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު ހަމަވާތީ، އެ މަގާމުތަކަށް މެންބަރުން އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ނަމެއް މަޖިލީހަށް ހުށަހަޅުއްވާފައެވެ. މުއްދަތު ހަމަވާ މެންބަރުންނަކީ ކޮމިޝަންގެ ނައިބު ރައީސް މޫމިނާ ވަހީދާއި މެންބަރު އާމިނަތު ޝިފާތު އަބްދުއްރައްޒާގެވެ.
ހުސްވާ މަގާމުތަކަށް ކުރިމަތިލުމަށް އާންމުކޮށް އިޢުލާން ކުރުމުން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ ހ. ސޯސަން، މުޙައްމަދު ފާރިސް ތޯހާ އާއި މ. ޕޮޕީ، މުޙައްމަދު ޝަފީގު މަޙުމޫދުގެ ނަން މަޖިލީހަށް ހުށަހަޅުއްވާފައެވެ.
މަޖިލީހުގެ ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން މި ދެ ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު މާކްސް ދިނުމުގައި، ކޮމިޓީން ކަނޑައަޅާފައިވާ 75 އިންސައްތައަށް ވުރެ މަތިން މާކްސް ލިބިވަޑައިގެންފައިވަނީ މުޙައްމަދު ޝަފީގު މަޙުމޫދަށެވެ.
މަޖިލީހުގެ ތަޅުމުގައި ނެގުނު ވޯޓުގައި، ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ މުޙައްމަދު ޝަފީގު މަޙުމޫދު އެޗްއާރުސީއެމްގެ މެންބަރުކަމަށް އައްޔަން ކުރުމަށް ފާސްކޮށްފައެވެ.
މިނިވަން މުއައްސަސާތަކުގެ މެންބަރުކަމުގެ މަގާމު ހުސްވުމުން، އެ މަގާމަށް މެންބަރުން އައްޔަން ކުރެއްވުމަށް ހަމަޖެހިފައިވަނީ އާންމުކޮށް އިޢުލާންކޮށް، ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާ ނަންތައް މަޖިލީހުން ފާސްކުރުމުން، ރައީސުލްޖުމްހޫރިއްޔާ އެ ފަރާތެއް އައްޔަން ކުރެއްވުމުގެ އުސޫލުންނެވެ.



