އއ. މާޅޮހުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މަސައްކަތް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީންއާއި، ރޯޑް ޑިވްލޮޕްމަންޓު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޘީމް އަދި މާޅޮހު ކައުންސިލްގެ ރައީސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މާޅޮހުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒަކީ އާރްޑީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢަކީ ސަރުކާރުން ކުރިއަށް ގެންދާ ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒު ގާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ.
ސަރުކާރުން ވަނީ އަންނަ ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށް، ދިވެހި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް އަމާޒު ހިފާފައެވެ. މި މަޤްޞަދު ހާސިލުކުރުމަށްޓަކައި މިހާރުވެސް ފުލުހުންގެ މަރުކަޒު ނެތް ގިނަ ރަށްރަށުގައި މަރުކަޒުތައް އިމާރާތްކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
މި މަޝްރޫޢުތައް ފުރިހަމަވުމުން ރާއްޖޭގެ ހުރިހާ ރަށެއްގައި ދިވެހި ފުލުހުންގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހި، ރައްޔިތުންނަށް މި ޚިދުމަތް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ.



