އުކުޅަހުގައި ބީއެމްއެލްގެ އައު ބްރާންޗެއް ހުޅުވައި ޑޮލަރު އޭޓީއެމްއެއް ޤާއިމްކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އއ. އުކުޅަހުގައި އައު ބްރާންޗެއް ހުޅުވައި، ޑޮލަރު އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައިފިއެވެ. މިއީ މާލެއިން ބޭރުގައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފެށި ފަސްވަނަ ރަށެވެ.

އުކުޅަހުގައި ތަރައްޤީކޮށްފައިވާ ބްރާންޗާއި އޭޓީއެމް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙެވެ. މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި، ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ޑޮލަރު އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކުރެއްވުމުގެ ގޮތުން ރަމްޒީކޮށް ފައިސާ ނަންގަވާފައެވެ.

ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވި ގޮތުގައި، "ގެސްޓް ހައުސް ޓުއަރިޒަމްގައި ކުރިއަރާފައިވާ އުކުޅަހުގައި ބޭންކުގެ ޚިދުމަތް ފުޅާވެގެން ދިއުމަކީ ލިބޭ އުފަލެއް. އަލަށް ގާއިމްކުރެވުނު ބްރާންޗާއި އޭޓީއެމްގެ ޒަރީއާއިން އުކުޅަހާއި ކައިރި ރަށްރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންގެ ތަރައްގީއަށް އެހީތެރިވެ، އިގްތިސާދީ ކުރިއެރުމަށް މަގުފަހިކޮށްދޭނެ މާލީ ހައްލުތައް ފަސޭހަކަމާއެކު ލިބިގެންދާނެ."

އުކުޅަހުގައި ތަރައްޤީކޮށްފައިވަނީ ބީއެމްއެލް އިސްލާމިކް ބްރާންޗެކެވެ. މި ބްރާންޗުން ބޭންކިންގގެ ހުރިހާ ޚިދުމަތްތަކެއް ލިބެން ހުންނާނެއެވެ. އަދި މީގެ ކުރިން އެރަށުގައި ޤާއިމްކޮށްފައިވާ ރުފިޔާ އޭޓީއެމްގެ އިތުރުން، އަލަށް ޤާއިމްކުރެވުނު ޑޮލަރު އޭޓީއެމްއަކީވެސް 24 ގަޑިއިރު ފައިސާ ނެގޭ އަދި ޖަމާކުރެވޭ އޭޓީއެމްއެކެވެ.

ބީއެމްއެލްއިން މިހާރު ވަނީ ރާއްޖޭގެ 20 އަތޮޅެއްގައި 42 ބްރާންޗް މެދުވެރިކޮށް ޚިދުމަތް ދެމުންނެވެ. މީގެ އިތުރުން 144 ސެލްފްސަރވިސް ބޭންކިންގ ސެންޓަރާއި 202 އޭޓީއެމް މެދުވެރިކޮށް ޚިދުމަތް ފޯރުކޮށްދެމުންދެއެވެ. ބޭންކުގެ އަމާޒަކީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު، އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބޭންކުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ