ގޭންގުތަކުން ހިންގާ ކުށްތަކާއި، ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނަށް އަހުލުވެރިކުރަނީ

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނަށް ރައްޔިތުން އަހުލުވެރިކުރުވުމުގެ ޕްރޮގްރާމެއް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ.

މި ޤާނޫނަށް އަމަލުކުރަން ފަށާނީ މި މަހުގެ 25 ވަނަ ދުވަހުއެވެ.

ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަހުގެ 20 ވަނަ ދުވަހު މާލެ ސިޓީގައި ފެށި މި ޕްރޮގްރާމަކީ މާލެ ސިޓީ ޕޮލިހާއި ކްރައިމް ޕްރިވެންޝަން ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން އިއްޔެ އެކަނި ވެސް މާލޭގެ 138 ފިހާރައަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދީފައިވެއެވެ.

މި ޕްރޮގްރާމުގެ ދަށުން، ޤާނޫނުގައި ބަޔާންކޮށްފައިވާ ނުރައްކާތެރި ކުށްތަކާއި، ތޫނު އެއްޗެހި ނުވަތަ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ކުރާ ކުށްތަކާއި، އެފަދަ ތަކެތި ގެންގުޅުމުގެ ކުށް އަދި ކުޑަކުދިންނަށް ވަޅި ވިއްކުން މަނާކުރުން ފަދަ ކަންކަމާ ގުޅޭ މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ.

ފުލުހުން ވަނީ ވިޔަފާރިވެރިންނަށް، 18 އަހަރުން ދަށުގެ ކުދިންނަށް ވަޅި، ކަޓަރު އަދި އެހެނިހެން ތޫނު ހަތިޔާރާއި މާރާމާރީ ހިންގުމަށް ބޭނުންކުރެވިދާނެ އާލާތްތައް ވިއްކުމަކީ މަނާކަމެއްކަން އަންގައިދީފައެވެ. މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ އެއްވެސް އެއްޗެއް ކުޑަކުދިންނަށް ނުވިއްކުމަށް އިލްތިމާސްކޮށްފައިވެއެވެ.

އަދި މަސްތުވާތަކެތި، ވައްކަން އަދި ސްކޭމް ފަދަ ކުށްތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭ މަޢުލޫމާތުވެސް ހިއްސާކޮށްފައިވެއެވެ. ފުލުހުން ވިދާޅުވެފައިވަނީ މި ޕްރޮގްރާމް މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ފިހާރަތަކާއި، ގަރާޖުތަކާއި ތަންތަން ކުއްޔަށްދޭ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ