މީޑިއާ ކައުންސިލާއި ބްރޯޑްކޮމްގެ ޒިންމާތައް އެއް މުއައްސަސާއެއްގެ ދަށަށް ބަދަލުކުރުމުގެ ބިލު ކޮމިޓީއަށް

މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ޒިންމާތައް އެއް މުއައްސަސާއަކަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލު ބަލައިގަނެ، ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ. މި ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްކޮށްފައިވަނީ 49 މެންބަރުންގެ ވޯޓުންނެވެ.

ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު ހުށަހެޅުއްވި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން" ބިލުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި، ތަރައްޤީ ކުރުމާއި، ދޮގު ޚަބަރު ފެތުރުން ހުއްޓުވުމެވެ. މީގެއިތުރުން ޤާނޫނުއަސާސީން ލިބިދީފައިވާ ޙައްޤުތައް ޒިންމާދާރުކަމާއެކު ބޭނުންކުރާކަން ކަށަވަރުކުރުމަށް މީޑިއާތަކާއި ނޫސްވެރިން އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމެވެ.

ބިލު ޤާނޫނަކަށްވުމުން "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން" ގެ ނަމުގައި އައު ކޮމިޝަނެއް އުފެދޭނެއެވެ. މި ކޮމިޝަނުގައި ހިމެނޭނީ 7 މެންބަރުންނެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ 3 މެންބަރުންނާއި މީޑިއާތަކުން އިންތިޚާބުކުރާ 4 މެންބަރުން ހިމެނެއެވެ.

މި ޤާނޫނާއެކު މިހާރު އަމަލުކުރަމުންދާ މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނާއި ނޫސް މަޖައްލާފަދަ ތަކެތީގެ ޤާނޫނު އުވާލެވި، ބްރޯޑްކާސްޓުކުރުމުގެ ޤާނޫނުގެ ބައެއް މާއްދާތައް އުވާލެވޭނެއެވެ. އަދި މިހާރު ހިނގަމުންދާ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަންވެސް އުވިގެންދާނެއެވެ.

އައު ކޮމިޝަނުގެ މެންބަރުކަމަށް އައްޔަންކުރެވޭނީ 5 އަހަރުގެ ދައުރަކަށެވެ. އަދި އެއްވެސް މެންބަރަކަށް ދެ ދައުރަށްވުރެ ގިނަ ދުވަހު މެންބަރުކަމުގައި ނުހުރެވޭނެއެވެ. މީޑިއާތަކުން އިންތިޚާބުކުރާ މެންބަރުން ހޮވުމަށް އިންތިޚާބު ބާއްވާނީ އިލެކްޝަންސް ކޮމިޝަނުންނެވެ. މި މަޤާމަށް ކުރިމަތިލެވޭނީ ރަޖިސްޓްރީކޮށްފައިވާތާ 5 އަހަރުވެފައިވާ ނޫސްތަކާއި ބްރޯޑްކާސްޓަރުންނާއި އެތަންތަނުގައި މަސައްކަތްކުރާ ނޫސްވެރިންނަށެވެ.

ބިލުގައި މީޑިއާތަކުން އަމަލުކުރަންޖެހޭ އުސޫލުތަކާއި، އެ އުސޫލުތަކާ ޚިލާފުވާ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތައްވެސް ވަނީ ބަޔާންކޮށްފައެވެ. މީގެ ތެރޭގައި ބްރޯޑްކާސްޓަރުން އުސޫލުތަކާ ޚިލާފުވުމުން އެކަމެއް ރަނގަޅުކުރުމަށް އެންގުމާއި، ތަކުރާރުކޮށް ޚިލާފުވާނަމަ އެ ފަރާތެއްގެ ވޭތުވެދިޔަ އަހަރުގެ އާމްދަނީގެ 10 އިންސައްތައަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ