ދެވަނަ ފްރީ ޒޯން ޤާއިމް ކުރަނީ އައްޑޫ ސިޓީ ބަނދަރުގައި: އެމްޕީއެލް

ރާއްޖޭގެ ދެވަނަ ފްރީ ޒޯން ޤާއިމް ކުރާނީ އައްޑޫ ސިޓީގައި ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ރިޝްވާން މިއަދު ހާމަކުރައްވައިފިއެވެ. މިކަން އޭނާ ހާމަކުރެއްވީ ކުޅުދުއްފުށި ސިޓީގައި އެމްޕީއެލްއިން ދެމުންދާ ޚިދުމަތްތައް ފުޅާކުރުމާ ގުޅޭގޮތުން ދެއްވި ބަސްދީގަތުމެއްގައެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފްރީ ޒޯންތައް ޤާއިމްކުރުމަކީ ސަރުކާރުން އިޤްތިޞާދު ސިންދަފާތު ކުރުމަށް އިސްކަންދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަސައްކަތުގެ ދަށުން ފުރަތަމަ ފްރީ ޒޯން ވަނީ ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުގައި ޤާއިމްކޮށްފައެވެ.

"މީގެ މޮޑެލްއެއް ރެޑީ ކުރަން ދެކުނަށް. އައްޑޫގައިވެސް އެބައޮތް ބަނދަރެއް. ކުޅުދުއްފުށީގައި ޕައިލެޓް ޕްރޮޖެކްޓް މި ފެއްޓީ. އަޅުގަނޑުމެން ވަރަށް ބޮޑަށް ތައްޔާރުވެފައި މިތިބީ،" މިހެން ވިދާޅުވި ރިޝްވާން ފާހަގަކުރެއްވި ގޮތުގައި ކުޅުދުއްފުށީގެ ފްރީ ޒޯނާއެކު ބަނދަރުގެ ޚިދުމަތްތައް ވަނީ އިތުރުވެފައެވެ.

އެމްޕީއެލްއިން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ބިޒްނަސް ޑިވެލޮޕްމަންޓާއި، ކައުންސިލާއި، ވިޔަފާރިވެރިންނާއި އަދި ބޭންކް އޮފް މޯލްޑިވްސް ހިމެނޭގޮތަށް 100 އެއްހާ ފަރާތް ބައިވެރިވާނެ ކަމަށް އެމްޕީއެލްއިން ބުނެއެވެ.

އެމްޕީއެލްގެ ސީއީއޯ އިތުރަށް ހާމަކުރެއްވި ގޮތުގައި، އެ ކުންފުނީގެ ލޮޖިސްޓިކް ޚިދުމަތްތައް އުތުރުން ދެކުނަށް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ވަނީ ލިބިފައެވެ. މިއާއެކު ސަރަހައްދީ ވިޔަފާރި ބަނދަރުތަކަށް ގެނެވޭ ކޮންޓެއިނަރުތައް އަތޮޅުތަކަށް ގެންދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

ސަރުކާރުން ވަނީ އުތުރުގެ ފްރީ ޒޯނުގެ އިތުރުން، ދެކުނާއި މެދުރާއްޖެތެރޭގައިވެސް މިފަދަ ޒޯންތައް ކަނޑައަޅާނެކަން ހާމަކޮށްފައެވެ. މި ސަރަހައްދުތައް ތަރައްޤީކޮށް، އެތެރެކުރާ މުދަލަށް ޑިއުޓީ ނުދައްކާ އަގު އެއްކުރެވޭނެ ގޮތް ހެދުމާއެކު ރީއެކްސްޕޯޓް ކުރުމަށް މަގުފަހިކުރުމަކީ މީގެ މައިގަނޑު މަޤްޞަދެވެ

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ