މަދަނީ ޖަމުޢިއްޔާތައް ބާރުވެރިކުރުމުގެ ޤައުމީ ފޯރަމް ފަށައިފި

މަދަނީ ޖަމުޢިއްޔާތައް ބާރުވެރިކޮށް އެފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމުގެ މަޤުސަދުގައި ބާއްވާ "މަދަނީ ޖަމުޢިއްޔާތަކުގެ ޤައުމީ ފޯރަމް" މިއަދު ފަށައިފިއެވެ. މި ފޯރަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދުއެވެ.

މި ފޯރަމަކީ މަދަނީ ޖަމުޢިއްޔާތައް ހިންގުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތައް ދެނެގަނެ، އެކި މައްސަލަތަކުން އަރައިގަތުމުގައި ޖަމުޢިއްޔާތަކުގެ ދައުރާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ޒުވާނުންނާބެހޭ ވުޒާރާއިން ސިލްސިލާކޮށް ކުރިއަށްގެންދާ ފޯރަމެކެވެ.

ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވީ، "މިހާރު ރާއްޖޭގެ މަދަނީ ޖަމްޢިއްޔާތަކުގައި މަސައްކަތްކުރަނީ ހިލޭސާބަހަށް މަސައްކަތްކުރާ ފަރާތްތައް. އެހެންނަމަވެސް އެއީ އެއްނޫން އަސްލު މަދަނީ ޖަމްޢިއްޔާތަކުގެ ހަޤީޤީ މާނައަކީ. ޖަމްޢިއްޔާތައް ބާރުވެރިކޮށްދެންޖެހޭ. މާލީގޮތުންވެސް އެބޭފުޅުންނަށް ތަނަވަސްކަން ހޯދައިދެންޖެހޭ" ކަމަށެވެ.

ދެދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ފޯރަމުގައި 69 މަދަނީ ޖަމުޢިއްޔާގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ 30 ކޮމިޓީ އަދި 6 އަތޮޅު ކައުންސިލުން ބައިވެރިވެއެވެ. މި ފޯރަމްގެ ސަބަބުން ޖަމްޢިއްޔާތަކުގެ ޤާބިލުކަން އިތުރުވެ، އެ ފަރާތްތަކުގެ މަސައްކަތްތައް ފުޅާވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، މަދަނީ ޖަމުޢިއްޔާތަކުގެ ޤައުމީ ފޯރަމް ބޭއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ ވަޢުދެއްކަން ފާހަގަކުރެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ