ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ" ބިލާ ގުޅޭގޮތުން ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ މީޑިއާތަކާއި ކަމާގުޅުންހުރި ހުރިހާ އިދާރާއަކާ މަޝްވަރާ ކުރުމަށް ނިންމައިފިއެވެ.
މި ބިލަކީ ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ. މި ބިލުގެ މަޤްޞަދަކީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި، ތަރައްގީ ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއި ދޮގު ޚަބަރު ފެތުރުން ހުއްޓުވުމެވެ.
ކޮމިޓީން ނިންމާފައިވާ ގޮތުގައި މި ބިލާ ގުޅޭގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި ރަޖިސްޓްރީ ކޮށްފައިވާ މީޑިއާތަކާ މަޝްވަރާކުރެވޭނެއެވެ. އަދި މިއީ އަސާސީ ޙައްގުތަކާ ގުޅުންހުރި ބިލަކަށްވާތީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއާވެސް މަޝްވަރާ ކުރެވޭނެއެވެ.
މީގެއިތުރުން، މި ބިލަކީ ޒުވާނުންނާވެސް ގުޅުންހުރި މައްސަލައަކަށްވާތީ ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާބެހޭ ވުޒާރާއާވެސް މަޝްވަރާ ކުރުމަށް ކޮމިޓީން ވަނީ ނިންމާފައެވެ. އަދި އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމަށް މިހާރު ވަނީ ހުޅުވާލާފައެވެ.
ކޮމިޓީން ވަނީ މި ބިލުގެ މަސައްކަތް އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ނިންމުމަށް ފާސްކޮށްފައެވެ. މި ބިލުގެ މުހިންމު އަމާޒުތަކުގެ ތެރޭގައި ޤާނޫނުއަސާސީން ލިބިދީފައިވާ ޙައްގުތައް ޒިންމާދާރުކަމާއެކު ބޭނުންކުރާކަން ކަށަވަރު ކުރުމުގެ ގޮތުން މީޑިއާތަކާއި ނޫސްވެރިން އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުން ހިމެނެއެވެ.



