މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހު ރާއްޖެއިން މުދާ އެކްސްޕޯޓްކުރި މިންވަރު ވަނީ 222 އިންސައްތަ އިތުރުވެފައެވެ. މިގޮތުން މިދިޔަ އަހަރުގެ ޖުލައި މަހު 65 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު، މިއަހަރުގެ ޖުލައި މަހު އެ އަދަދު ވަނީ 210 މިލިއަން ރުފިޔާއަށް އަރާފައެވެ.
މިއަހަރުގެ ފުރަތަމަ 7 މަސްދުވަހުގެ ތެރޭގައި ރާއްޖެއިން އެކްސްޕޯޓްކުރި މުދަލުގެ އަގު ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ވަނީ 52 އިންސައްތަ އިތުރުވެފައެވެ. އެގޮތުން 2023 ވަނަ އަހަރުގެ ފުރަތަމަ 7 މަސްދުވަހު 945 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު، 2024 ގެ މި މުއްދަތުގައި އެ އަދަދު ވަނީ 1.4 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
ދިވެހިރާއްޖޭގެ އެކްސްޕޯޓްގެ މައިގަނޑު ބައި ބިނާވެފައިވަނީ މަހުގެ ބާވަތްތަކުގެ މައްޗަށެވެ. ވޭތުވެދިޔަ 7 މަސްދުވަހުގެ ތެރޭގައިވެސް އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވަނީ ގަނޑުކުރި އަދި ފިނިކުރި ކަނޑުމަހާއި، މަހުން އުފައްދާފައިވާ އެހެނިހެން ބާވަތްތަކެވެ. މި ބާވަތްތައް އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވަނީ ތައިލެންޑަށް (809.44 މިލިއަން ރުފިޔާ) އަދި އިނގިރޭސިވިލާތަށް (252.46 މިލިއަން ރުފިޔާ) އެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ޖުލައި މަހު ރާއްޖެއަށް 4.5 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ. އެންމެ ގިނަ މުދާ އެތެރެކޮށްފައިވަނީ ޗައިނާ (712 މިލިއަން ރުފިޔާ)، އިންޑިއާ (704 މިލިއަން ރުފިޔާ)، އަދި ޔޫއޭއީ (622 މިލިއަން ރުފިޔާ) އިންނެވެ. އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީއަށް ބަލާއިރު، މިއަހަރުގެ ޖުލައި މަހު 295 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 69 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.