ގްރީން ކްލައިމެޓް ފަންޑުން ރާއްޖެއަށް ދޭން ނިންމި 25 މިލިއަން ޑޮލަރުގެ އެހީގައި އދ. ގެ ތިމާވެށްޓާބެހޭ ޖަމްޢިއްޔާއާ ގުޅިގެން ހިންގާ މަޝްރޫޢު ރަސްމީކޮށް ފަށައިފިކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް، ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަންމަންޓް އަލްފާޟިލް ޠާރިޤް އިބްރާހީމް އިއުލާންކުރައްވައިފިއެވެ.
ފިޖީގައި މިހާރު ކުރިއަށްދާ 6 ވަނަ މިނިސްޓާސް އެންޑް އެންވަޔަރަމަންޓް އޮޓޯރިޓީސް އޮފް އޭޝިއާ ފެސިފިކް ފޯރަމްގެ ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޠާރިޤް ވިދާޅުވީ، މި މަޝްރޫޢަކީ އެ ވުޒާރާއާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓް ޕްރޮގްރާމް ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ މުޖުތަމަޢުތަކަށް މޫސުމީ ބަދަލުތަކާއި ހިރާސްތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުމާއި، މޫސުމީ ބަދަލުތަކުން ރައްކާތެރިވުމަށް އިންޒާރުދޭ ނިޒާމުތައް ރާއްޖޭގެ ރަށްތަކުގައި ޤާއިމްކުރުމަށް މަގުފަހިވެގެންދާނެއެވެ. "ރާއްޖެ ފަދަ ޖަޒީރާ ޤައުމުތަކަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ވަރަށް ބޮޑެތި އަސަރުތައް ކުރަމުންދާކަން ފާހަގަކުރަން،" މިނިސްޓަރ ވިދާޅުވިއެވެ.
މިމަހުގެ 26 އިން 29 އަށް ފިޖީގައި ކުރިއަށްދާ މި ފޯރަމްގައި މިނިސްޓަރ ޠާރިޤް ވަނީ ބައިނަލްއަޤްވާމީ ކަމާގުޅުންހުރި އެކި ފަރާތްތަކާ ބައްދަލުކުރައްވައި، މޫސުމީ ބަދަލުތަކާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ މޫސުމީ ބަދަލުތަކާ ކުރިމަތިލުމުގެ ޤާބިލްކަން އިތުރުކޮށް، ކުރިމަގުގައި ދިމާވެދާނެ ގޮންޖެހުންތަކަށް ތައްޔާރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.