ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން ރޭ ކަލާފަނު ސްކޫލުގައި ބޭއްވި ވޯކް-އިން އިންޓަވިއުއަށް 100 އަށްވުރެ ގިނަ މީހުން ޙާޟިރުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއްވިގޮތުގައި، އިންޓަވިއުއަށް ޙާޟިރުވި ގިނަ ފަރާތްތަކުން ކުރިމަތިލާފައިވަނީ އޮފިސަރުންނާއި ސީނިއަރ އޮފިސަރުންގެ މަޤާމުތަކަށެވެ. އަދި މަޤާމުތަކަށް އެދި ފޯމު ހުށަހެޅި މީހުންގެ ތެރޭގައި އެންމެ ގިނައީ 18 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންކަން ފާހަގަކުރެއްވިއެވެ.
ވޯކް-އިން އިންޓަވިއުއަށް ޙާޟިރުވާ ފަރާތްތަކުން އައިޑީ ކާޑު، ތަޢުލީމީ ސެޓްފިކެޓް އަދި ސީވީގެ ކޮޕީ ގެންނަން ޖެހެއެވެ. ޝަރުތު ހަމަވާ ފަރާތްތަކަށް ވަގުތުން ފޯމު ހުށަހެޅުމާއި އިންޓަވިއު އަދި ޕްރެކްޓިކަލް ޓެސްޓް ހެދުމުގެ އިންތިޒާމް ހަމަޖެހިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.
މިއަދު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ކާމިލް ދީދީ ޕްރައިމަރީ ސްކޫލުގައި ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް އިތުރު ވޯކް-އިން އިންޓަވިއުއެއް ކުރިއަށްދާނެއެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ 260 އަށްވުރެ ގިނަ މުވައްޒަފުން ހޯދުމަށް އިޢުލާނުކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަނުން ހޯދަމުންދަނީ އޮފިސަރުން، ކޮންޓެންޓް ކްރިއޭޓަރުން، ސީނިއަރު އޮފިސަރު، ޑްރައިވަރު، މެއިންޓަނަންސް އޮފިސަރު، ސެކިއުރިޓީ އޮފިސަރު، މަސައްކަތު، ލޮޖިސްޓިކް އޮފިސަރު، އެސިސްޓެންޓް މާސްޓަރ ޓްރޭނަރު، ގްރެފިކްސް ޑިޒައިނަރު، ޓެކް އޮފިސަރު، ފޮޓޯގްރާފަރު އަދި އޮފީސް އެސިސްޓެންޓުންނެވެ. މި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ އަހަރުގެ ފެބްރުއަރީ 26 ވާ ބުރާސްފަތި ދުވަހުގެ 15:00 އާ ހަމައަށް ހުޅުވާލާފައިވެއެވެ.
އިލެކްޝަންސް ކޮމިޝަނުން މި މުވައްޒަފުން ހޯދަނީ އަންނަ އަހަރުގެ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުންނެވެ.