ރާއްޖޭގެ އެންމެ ބޮޑު މެރިން ރިސާރޗް ސެންޓަރު ޖަވަކަރަ ރިސޯޓުގައި ހުޅުވައިފި

ދިވެހިރާއްޖޭގެ އެންމެ ބޮޑު މެރިން ރިސާރޗް ސެންޓަރު މިއަދު ޖަވަކަރަ އައިލަންޑް މޯލްޑިވްސްގައި ރަސްމީކޮށް ހުޅުވައިފިއެވެ. މި ސެންޓަރު ހުޅުވައިދެއްވީ ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ތާރިގް އިބްރާހިމްއާއި ޗަމްޕަރ ބްރަދާރސްގެ ޗެއަރމަން މުޙައްމަދު މޫސާއެވެ.

މި ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިހްސާންއާއި ޗީފް އޮފް ޑިފެންސް ފޯސް އިބްރާހިމް އިލްމީގެ އިތުރުން ރިސޯޓުގެ އިސްވެރިންނާއި ރިސަރޗް ސެންޓަރުގެ އިސް ބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މި މެރިން ރިސަރޗް ސެންޓަރަކީ ރާއްޖޭގެ ނާޒުކު ތިމާވެށީގެ އެކި ކަންކަން ދިރާސާކޮށް ދެނެގަތުމަށް ޚާއްޞަކޮށް ހުޅުވި ސެންޓަރެކެވެ. މި ސެންޓަރުގެ ސަބަބުން މޫސުމަށް އަންނަމުންދާ ބަދަލުތަކާއެކު ކަނޑުގެ ދިރުންތަކަށް އަންނަމުންދާ ބަދަލުތަކާއި މުރަކަތަކަށް ދިމާވާ އެކި މައްސަލަތަކުގެ އިތުރުން ތަފާތު އެކި ދިރާސާތައް ކުރެވޭނެއެވެ.

ސެންޓަރާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ޗަމްޕަރ ބްރަދަރސްގެ ޗެއަރމަން މުޙައްމަދު މޫސާ ވިދާޅުވީ، "އަޅުގަނޑުމެން ޓުއަރިޒަމް ފަށައިގެން މިއުޅޭނީ. އެހެންވީމާ އޭގެ ތެރޭގައި އޮންނަންޖެހޭ ކަމެއް މީ. މަސްމަހާއި އެއްޗިސް، ވެލާ ކަހަނބު އެއްޗިސް، ބަލި އެއްޗިސް ބަލިހާލު ބެލުން. ހޮސްޕިޓަލްތަކެއް ހެދިގެންދާއިރު އަޅުގަނޑުމެން ޖެހޭ މިކަހަލަ ތަނެއް ހަދަން" ކަމަށެވެ.

މި ސެންޓަރުގައި ތަފާތު އެކި ކަންކަން ދިރާސާކުރުމަށް ލެބޯޓަރީތަކާއި، ކަރަންޓީނު ފެސިލިޓީތަކާއި ކިޔަވައިދޭނެ ކްލާސްރޫމްތައް ވަނީ ޤާއިމްކޮށްފައެވެ. ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީތަކާއި ރާއްޖޭގެ އެކި ޔުނިވަރސިޓީތަކުގެ ތަފާތު ދިރާސާތައް ކުރުމަށް މިތަން ބޭނުންކުރެވޭނެއެވެ. އަދި ރިސާރޗްގެ ދާއިރާއިން ކިޔަވާ ދަރިވަރުންނަށް އަމަލީ ގޮތުން ބޭނުންވާ އެކިއެކި ތަމްރީނުތައްވެސް މިތަނުން ފޯރުކޮށްދެވޭނެއެވެ.

މި ރިސަރޗް ސެންޓަރު ހުޅުވުމާ ގުޅިގެން ރާއްޖެއިން ބޭރުގެ ޕްރޮފެސަރުންނާއި ސައިންޓިސްޓުން ބައިވެރިވެގެން ވޯކްޝޮޕެއްވެސް ވަނީ ފަށާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ