ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، އަސާސީ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން 10 ބާވަތުގެ މޭވާއާއި 10 ބާވަތުގެ ތަރުކާރީގެ އިތުރުން ކާށި، މުގު އަދި ކުކުޅު ބިސް ހެޔޮ އަގުގައި ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ވަޒީރު ސަޢީދު ފާހަގަކުރެއްވި ގޮތުގައި މީގެ ކުރިން އެއްވެސް ސަރުކާރަކުން ރާއްޖޭގައި އެންމެ ގިނައިން ބޭނުންކުރާ ކާބޯތަކެތީގެ ރިވިއުއެއް ހެދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނުވެއެވެ. "ރިވިއުކުރާނީ އަހަރުން އަހަރަށް. ނަމަވެސް އެއަށްވުރެ ކުރިންވެސް ރިވިއުކޮށްފާނެ. 10 މޭވާއި 10 ތަރުކާރީގެ އިތުރުންވެސް ހަނޑޫ، ހަކުރު ފުށާއި މުގު، ބިސް، އަލުވި އެތެރެކުރަމުންދާނީ. އަދި ބާޒާރުގައި އަގު ހެޔޮކޮށް ވިއްކަމުންދާނީ،" ވަޒީރު ވިދާޅުވިއެވެ.
މި އައު ނިންމެވުމާއެކު، އެސްޓީއޯއިން ގަނޑުކޮށް މުދާ އެތެރެކޮށް، ރާއްޖޭގެ ބާޒާރުގައި ވިއްކުމުގެ މަސައްކަތް ފެށިގެންދާނެއެވެ. މިއީ ރައްޔިތުންނަށް ދިމާވާ ތަކުލީފުތަކަށް ލުއިތައް ހޯއްދަވައިދެއްވުމުގެ ގޮތުން ރައީސް ނިންމެވި މުހިންމު ނިންމެވުމެކެވެ.
ވަޒީރު ސަޢީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ ހެޔޮ އަގެއްގައި ކާބޯތަކެތި ލިބޭނެކަން ޔަޤީންކުރުމެވެ. މި ސިޔާސަތުގެ ދަށުން ރާއްޖޭގައި ޢާންމުކޮށް ބޭނުންކުރާ ތަރުކާރީއާއި މޭވާގެ ލިސްޓު އަހަރަކު އެއް ފަހަރު ރިވިއުކުރެވޭނެއެވެ.
ހެޔޮ އަގެއްގައި ކާބޯތަކެތި ފޯރުކޮށްދީ، ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މި ނިންމެވުމަކީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، އަސާސީ ކާބޯތަކެތީގެ އަގުތައް ކޮންޓްރޯލްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.