އަސާސީ ކާބޯތަކެތީގެ ބާވަތްތައް މިމަހުގެ 15ގެ ކުރިން ބާޒާރަށް ނެރެންދަނީ ތައްޔާރުވަމުން

އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި ބާވަތްތައް މިމަހުގެ 15ގެ ކުރިން ބާޒާރަށް ނެރުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ދަނީ ތައްޔާރުވަމުންނެވެ. މިކަމަށްޓަކައި މިހާރު ވަނީ ބޭނުންވާ ބާވަތްތައް އޯޑަރުކޮށްފައިކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ވަޢުދުގެ ދަށުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ މޭވާ އާއި ތަރުކާރީ ބާވަތްތައް އެސްޓީއޯ މެދުވެރިކޮށް އެތެރެކުރުމަށް ވަނީ ނިންމާފައެވެ. މިގޮތުން އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރު 23 ބާވަތް ވަނީ އިތުރުކޮށްފައެވެ.

އެސްޓީއޯއިން މިހާރު އެތެރެކުރަމުންދާ ކާޑުގެ ބާވަތްތަކުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީގެ އިތުރުން، މުގު، ބިސް އަދި އަލުވި ގަނޑުކޮށް އެތެރެކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ރީނދޫ މުގު، ކުކުޅު ބިސް އަދި ކާށިވެސް އަސާސީ ކާބޯތަކެތީގެ ގޮތުގައި އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ ކަނޑައަޅާފައެވެ.

"މިއީ އާންމުންކުރާ ވިޔަފާރިއަށް ވަނުމެއް ނޫން. އެސްޓީއޯއިން އެތެރެކުރަން ޖެހޭނީ ހަމައެކަނި ކާޑުގެ ބާވަތްތައް ނޫން. ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކީ އެންމެ ގިނައިން ބޭނުންކުރާ މޭވާއާއި ތަރުކާރީގެ ބާވަތްތައްވެސް އެސްޓީއޯއިން އެތެރެކުރުން،" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ޤައުމަކަށްވެފައި، ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތަކާއި މޫސުމީ ބަދަލުތަކުގެ ސަބަބުން އަގުތައް އުފުލޭ ހާލަތްތަކުގައި، މި އައު ނިޒާމުގެ ދަށުން އަސާސީ ކާބޯތަކެތީގެ އަގުތައް ހިފެހެއްޓި، ރައްޔިތުންނަށް ތަކެތި ހެޔޮ އަގުގައި ލިބިގެންދާނެކަމަށް ސަރުކާރުން ބެލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ