ކާށިދޫ ފަޅުގައި ރިސޯޓެއް ތަރައްޤީކޮށް ހިންގުމުގެ ފުރުސަތު ހުޅުވާލައިފި

މާލެއަތޮޅު ކާށިދޫ ފަޅުގައި ފަތުރުވެރިކަމުގެ ބޭނުމަށް ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން އިއުލާނުކޮށްފިއެވެ. މި މަޝްރޫޢަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު މިއަންނަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވެއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ރިސޯޓް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 115.21 ހެކްޓަރުގެ ސަރަޙައްދެއްގައި، 10 ހެކްޓަރުގެ ރަށެއް ހިއްކައިގެންނެވެ. އަދި ތަރައްޤީކުރެވޭ ރިސޯޓުގައި މަދުވެގެން 100 އެނދު ހުންނަންޖެހޭނެކަމަށް އެ ވުޒާރާއިން ވަނީ ކަނޑައަޅާފައެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެއްކަމަށް ވާއިރު، މިކަމަށް ޝައުޤުވެރިވާ ދިވެހި އަދި ބިދޭސީ ކުންފުނިތަކަށް މި ފުރުޞަތު ވަނީ ހުޅުވާލާފައެވެ. ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ ނޮވެމްބަރު 20 ވަނަ ދުވަހުގެ މެންދުރު 13:00 އެވެ.

މި މަޝްރޫޢާ ގުޅޭ ބީލަން ފޮތް ގަތުމަށް ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަދި ސެޕްޓެމްބަރު 14 އިން ނޮވެމްބަރު 19 އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އާއި 13:00 އާ ދެމެދު އެ ވުޒާރާގެ ރިސެޕްޝަނުން ބީލަން ފޮތް ލިބިވަޑައިގަންނަވާނެއެވެ.

މީގެއިތުރުން، މި މަޝްރޫޢާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ދެ ބައްދަލުވުމެއް އޮންލައިންކޮށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ފުރަތަމަ ބައްދަލުވުން ސެޕްޓެމްބަރު 24 ގައި އަދި ދެވަނަ ބައްދަލުވުން އޮކްޓޫބަރު 21 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ