މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މި އަހަރުގެ ފަތުރުވެރިކަމުގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި މަސައްކަތް ފެށުމުގެ ގޮތުން، ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓެއްގެ ބައިވެރިވުމާއެކު ވަނީ ޚާއްސަ ބައްދަލުވުމެއް ބާއްވާފައެވެ.
އެމްއޭސީއެލްއިން ހާމަކުރެއްވި ގޮތުގައި މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ޕީކް ސީޒަންގެ އޮޕަރޭޝަންތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާއި، އެ ކަންކަމަށް ހުށަހަޅާ ހައްލުތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމެވެ. އަދި މަސައްކަތްތައް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް އެއް ޑިޕާޓްމަންޓުން އަނެއް ޑިޕާޓްމަންޓަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައްވެސް ވަނީ މުޠާލިޢާކޮށްފައެވެ.
ބައްދަލުވުން ފައްޓަވައިދެއްވަމުން އެމްއޭސީއެލްގެ ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) މުހައްމަދު މިހާދު ވިދާޅުވީ، ޕީކް ސީޒަނަށް ތައްޔާރުވުމުގެ ބައްދަލުވުމަކީ ކުންފުނީގެ އެންމެ މުހިންމު ބައްދަލުވުންތަކުގެ ތެރޭގައި ހިމެނޭ ބައްދަލުވުމެއް ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، ޚިދުމަތް ހޯދާ ފަރާތްތަކުން ބަލައިގަންނަ ފެންވަރަށް ނުވަތަ އެއަށްވުރެ މަތީ ފެންވަރަކަށް ޚިދުމަތް ދިނުމަށްޓަކައި، ކުންފުނީގެ ހުރިހާ ވަސީލަތްތަކާއި މުވައްޒަފުންގެ ވިސްނުންވެސް ބަދަލުކޮށް، އެކަމަށް މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ.
މި ބައްދަލުވުމުގައި އެމްއޭސީއެލްގެ އިސްވެރިންނާއި ޑިޕާޓްމަންޓްތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ކޮންމެ އަހަރެއްގެވެސް ފިނި މޫސުމާއި އާ އަހަރުގެ ފެށުން ދިމާވާ ދުވަސްވަރަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އަށް އެންމެ ބާރުބޮޑު ދުވަސްވަރެވެ. މިދިޔަ އަހަރުގެ ޕީކް ސީޒަންގައި ވީއައިއޭއަށް 7,558 ފްލައިޓް އޮޕަރޭޓްކުރެވުނުކަން ފާހަގަކޮށްލެވެއެވެ. މި ބާރުބޮޑު ދުވަސްވަރުގައި އެއާޕޯޓުގެ ޚިދުމަތްތައް ދިނުމުގައި އަވަސްކުރުމަށްޓަކައި، އެމްއޭސީއެލްއިން ކޮންމެ އަހަރަކުވެސް ޚާއްސަ ފިޔަވަޅުތައް އަޅަމުންދާކަމަށް ކުންފުނިން ވިދާޅުވެފައިވެއެވެ.
 
								
 
											
 
								 
								 
								
 
														
 
														 
														 
														 
														 
														