މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) އަށް މި އަހަރުގެ މިހާތަނަށް ޖަމާކުރެވުނު ފައިސާގެ އަދަދު 1.6 ބިލިޔަން ރުފިޔާއަށް އަރައިފިއެވެ. މިއީ މިދިޔަ އަހަރުގެ އެއް މުއްދަތާއި އަޅާބަލާއިރު 45 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. މާލީ ވުޒާރާއިން މިކަން ހާމަކޮށްފައިވަނީ އެންމެ ފަހުން ނެރެފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައެވެ.
މާލީ ވުޒާރާއިން އާންމުކުރި ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި ހިންގާ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އެސްޑީއެފްއަށް މުޅި ޖުމްލަ 1.6 ބިލިޔަން ރުފިޔާ ވަނީ ޖަމާކޮށްފައެވެ. 2023 ވަނަ އަހަރުގެ މި މުއްދަތުގައި އެސްޑީއެފްއަށް ޖަމާކުރެވުނު އަދަދަކީ 1.1 ބިލިޔަން ރުފިޔާއެވެ. މި އަދަދު މިހާ ބޮޑުތަނުން އިތުރުވުމަކީ ދައުލަތުގެ މާލީ ސާބިތުކަން ވަރުގަދަ ކުރުމަށް ލިބުނު ހިތްވަރެއްކަމަށް ފާހަގަކުރެވެއެވެ.
އެސްޑީއެފްގެ ފައިސާ އިތުރުވެފައިވާއިރު، ދައުލަތުގެ ދަރަނި ދެއްކުމަށް ކުރި ހޭދަވެސް ވަނީ މި މުއްދަތުގައި ބޮޑުތަނުން އިތުރުވެފައެވެ. އަހަރުގެ މިހާތަނަށް ދަޢުލަތުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް ޖުމްލަ 4.4 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނު ދެއްކުމަށް ހޭދަކުރި 2.0 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 120 އިންސައްތަ އިތުރު އަދަދެކެވެ.
ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަކީ، ކުއްލި ހާލަތްތަކަށް ތައްޔާރުވުމަށާއި، ތަރައްޤީގެ ބޮޑެތި މަޝްރޫއުތައް ހިންގުމަށް ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް އެހީވުމުގެ އިތުރުން، އިޤްތިޞާދަށް އައިސްދާނެ ލޮޅުންތަކުން ލިބޭ ގެއްލުންތައް ފޫބެއްދުމަށް ސަރުކާރުން 2016 ވަނަ އަހަރު އުފެއްދި ފަންޑެކެވެ. މިއީ މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ރިޒާވްއާ މުޅިން ތަފާތު ފަންޑެކެވެ.
މި ފަންޑަށް ފައިސާ ޖަމާކުރަމުންދަނީ ދަޢުލަތަށް ލިބޭ އާމްދަނީގެ ތެރެއިން ޚާއްސަ ތިން ދިމާލަކުންނެވެ. އެއީ އެއާޕޯޓުން ފުރާ ފަސިންޖަރުންގެ އަތުން ނަގާ އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ އާމްދަނީއާއި، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް އޮޕަރޭޓްކުރާ އެމްއޭސީއެލް (MACL) ގެ ހިއްސާގެ ފައިދާއިން ދައްކާ ޑިވިޑެންޑް، އަދި އެއާޕޯޓްގެ ބައެއް ޚިދުމަތްތަކުގެ ފީތައް ބޮޑުކުރުމުގެ ސަބަބުން އިތުރަށް ލިބޭ އާމްދަނީއެވެ.
 
								
 
											
 
								 
								 
								
 
														
 
														 
														 
														 
														 
														 
														