ރައްޔިތުންގެ މަޖިލީހަށް ހާޒިރުވާ މެހެމާނުން ޢަމަލުކުރާނެ އުސޫލުތަކެއް އެކުލަވާލައި، އެ އުސޫލުތަކާ ޚިލާފުވާ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތައް މަޖިލީހުގެ ޤަވާއިދުގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ދައުރުން ބޭރުގައި ބޭއްވި މީޑިއާ ރެގިއުލޭޝަން ބިލު ފާސްކުރުމުގެ ޖަލްސާ ނިންމަވާލައްވަމުންނެވެ.
މި ނިންމުން ނިންމަން ޖެހުނީ މިނިވަން މުޢައްސަސާތަކާ ބެހޭ ކޮމެޓީގައި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން" ބިލު ދިރާސާކުރަމުންދިޔައިރު، ކޮމެޓީއަށް ހާޒިރުވި ބައެއް މީޑިއާތަކަށް ނިސްބަތްވާ ފަރާތްތަކުން ބިލު ފާސްކުރުމާމެދު ހިތްހަމަނުޖެހުން ފާޅުކޮށް އިހުތިޖާޖުކުރުމާ ގުޅިގެންނެވެ.
މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވި ގޮތުގައި، ކޮމެޓީގެ މަސައްކަތަށް ހުރަސްއެޅޭ ގޮތަށާއި މަޖިލީހުގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފަށް ބައެއް ފަރާތްތަކުން ޢަމަލުކޮށްފައިވެއެވެ. މިކަމާ ގުޅޭ ރިޕޯޓެއް މަޖިލީހުގެ ސާޖެންޓް އެޓް އާމްސް ވަނީ ރިޔާސަތަށް ހުށަހަޅާފައެވެ.
"މިފަދަ ކަމެއް ކުރިމަގުގައި ތަކުރާރުނުވާނެ ގޮތަށް މަޖިލީހުގެ ޤަވާއިދު އިސްލާހުކުރުމަށާއި، މަޖިލީހުގެ މެހެމާނުންގެ ގޮތުގައި ހާޒިރުވާ ފަރާތްތަކުން ޢަމަލުކުރާނެ އުސޫލުތައް ކަނޑައަޅައި، އެކަންކަމާ ޚިލާފުވާ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތައް މަޖިލީހުގެ ޤަވާއިދުގައި ބަޔާންކުރުމަށް މި އިރުޝާދު ދެވެނީ،" މަޖިލީހުގެ ނައިބު ރައީސް ވިދާޅުވިއެވެ.
އަދި ކޮމެޓީގެ ބައްދަލުވުމުގައި މަޖިލީހުގެ ދެ މެންބަރެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި ކޮމެޓީގައި ބެހެއްޓިފައިވާ މަޖިލީހުގެ ސައުންޑް ސިސްޓަމަށް ގެއްލުން ލިބިފައިވާތީ، އެ މައްސަލަ މަޖިލީހުގެ ސުލޫކީ ކޮމެޓީއަށް ފޮނުވަން ވެސް ވަނީ ނިންމާފައެވެ. މީޑިއާ ރެގިއުލޭޝަން ބިލުގެ މަސައްކަތް މިހާރު ވަނީ ނިމި، ބިލު ފާސްކޮށްފައެވެ.



