ރައްޔިތުންގެ އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށް، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި 57 މިލިއަނަށްވުރެ ގިނަ ރުފިޔާ އެކި ގޮތްގޮތުން އެހީގެ ގޮތުގައި ދޫކޮށްފައިވާ ކަމަށް އެ އޭޖެންސީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ 14,492 މީހަކަށް މާލީ އެހީގެ ގޮތުގައި 52.6 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. މިދިޔަ މަހު އަލަށް 125 މީހަކު މި ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާއިރު، މިވަގުތު ޖުމްލަ 14,673 މީހަކު ވަނީ ދަފްތަރުގައި ހިމެނިފައެވެ.
ފަޤީރު ހާލަތުގައި ދިރިއުޅޭ އަދި މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި، އެކުދިން ބަލަހައްޓާ ބެލެނިވެރިންނަށް ދެވޭ މާލީ އެހީގެ ގޮތުގައި 178,000 ރުފިޔާއަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވެއެވެ. މި އެހީ 97 ބެލެނިވެރިއަކަށް ފޯރުކޮށްދީފައިވާއިރު، 130 ކުޑަކުދިންނަށް މި އެހީތެރިކަން ލިބެމުންދެއެވެ.
އެކަނިވެރި މައިން/ބަފައިންގެ ޕްރޮގްރާމްގެ ދަށުން 4.9 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، މި އެހީ 2,870 މައިން/ބަފައިންނަށް ލިބިފައިވެއެވެ. މީގެ ސަބަބުން 4,901 ކުޑަކުދިންނަށް މަންފާ ލިބިގެންދާއިރު، މިދިޔަ މަހު އަލަށް 30 މައިން/ބަފައިންނާއި 69 ކުޑަކުދިން މި ޕްރޮގްރާމްގައި ރަޖިސްޓްރީކޮށްފައިވެއެވެ.
މީގެއިތުރުން، ފަޤީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށް ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީގެ ގޮތުގައި 25,720 ރުފިޔާ ދޫކޮށްފައިވެއެވެ. މި އެހީ އަލަށް 4 މީހަކަށް ފޯރުކޮށްދީފައިވާއިރު، ޖުމްލަ 700 މީހަކަށް މި އެހީތެރިކަން ލިބެމުންދެއެވެ.



